މަޖިލިސް ރައީސާ މެދު ކުރެވޭ ބަހުސް ބޭކާރު: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް --

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނުވަތަ ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ހޮވުނަސް ވާނީ އެމްޑީޕީ މެމްބަރަކަށް ކަމަށާއި އެކަމާ މެދު ކުރެވޭ ބަހުސަކީ ބޭކާރު ބަހުސެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް ކަމަށް ވާދަ ކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި މެމްބަރުންގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އަސްލަމް އަދި އަފީފާ ދެމެދުގަ އެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަސްލަމަށް ތާއީފު ކުރައްވާކަން ހާމަ ކުރައްވާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެފައި ވަނީ އަފީފަކީ މަޖިލިސް ރައީސް ކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވާ މެމްބަރުގެ ވާހަކަ ކަމަށާއި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް މަޖިލިސް ރައީސް ކަމަށް އެންމެ ކަމުދާ މެމްބަރުގެ ވާހަކަ ކަމަށެވެ. އޭގައި މައްސަލައަކީ ކޮބައިތޯ ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

"މިތަނުން ކޮންމެ މީހެއް ހޮވުނަސް އެމްޑީޕީއަށް ވާނީ. ދެން ކޮބާތަ މައްސަލައަކީ؟. ބޭކާރު ބަހުސް." ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އެންމެން އެކަކަށް ތާއީދު ނުކުރާނެ ކަމަށާއި ކުރަން ނުވެސް ޖެހޭ ކަމަށެވެ.

މަޖިލީހުގެ ރައީސަކަށް އަފީފް އެކަށީގެންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ރައީސް ސޯލިހާއި އަފީފަށް ސޯޝިއަލް މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ. ރޮޒައިނާ ވިދާޅުވީ ސޯޝިއަލް މީޑިއާގައި ވަކި މީހަކަށް އެއްޗިހި ކިޔުން މުހިންމު ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރޮޒައިނާވެސް ފާޅުކުރެއްވި އެވެ.

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބަކުންނެވެ. އެ އިންތިހާބު އޮތީ އަންނަ ހޯމަ ދުވަހު އެވެ. މަޖިލީހުގެ އާ މެމްބަރުން ހުވާ ކުރުމާއި މަޖިލިސް ރައީސަކު ހޮވަން ވޯޓު ނެގުން އޮންނާނީ އަންގާރަ ދުވަހުގެ ރެ އެވެ.

comment ކޮމެންޓް