އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަނީ

އިބްތިހާލް

މަރުހޫމް އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ އެއްކަމަށްވާ ޗައިލްޑް އެބިޔުސް ޕްރެވެންޝަން ސޮސައިޓީ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި މުބާރާތް އަމާޒުކޮށްފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށެވެ.

މިމަހުގެ 26 އިން 27 އަށް ހުޅުމާލޭ ގާޒީ ސްކޫލުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށްގެންދަނީ ތިން އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ ހަ އަހަރާއި ހަތް އަހަރާއި ދެމެދުގެ އުމުރުފުރާ، ހަތް އަހަރާ 10 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 10 އަހަރާ 15 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. މުބާރާތުގައި 140 ދަރިވަރުން ވާދަކުރާނެކަމަށް ޗައިލްޑް އެބިޔުސް ޕްރެވެންޝަން ސޮސައިޓީ އިން ބުންޏެވެ.

އެ ޖަމްއިއްޔާގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވީ އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަން ނިންމީ އިބްތިހާލަށް ދިމާވި ހާދިސާގެ ހަނދާން އާކޮށް އެކަމުން އިބްރަތް ލިބިގަތުމަށް ކަމަށާއި، އެފަދަ ކަންތައް ތަކުރާރުވުން ހުއްޓުވުމަށް ކަމަށެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގެ ހައިސިއްޔަތުން، އެ ހާދިސާ ހަނދާން ނައްތާނުލުން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުން މަގުސަދަކީ. އަޅުގަނޑުމެންނަކީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ އަކަށްވާއިރު، ރޯދަމަހު ކުޑަކުދިންނަށް އަމާޒުކޮށްގެން ގުރުއާން މުބާރާތެއް ބޭއްވުމަކީ ކުދިންނަށްވެސް ފައިދާވާނެ ކަމަކަށްވާނެތީ މުބާރާތް ބާއްވަން ނިންމީ،" ހަމީދު ވިދާޅުވިއެވެ.

މި މުބާރާތް ބޭއްވުމަށް މޯލްޑިވިއަން އާއި ދިރާގު އަދި ވޭލް ސަބްމެރިން އިން ދިން އެހީ ހަމީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ގާޒީ ސްކޫލާއި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަ ކުރެއްވިއެވެ.

ވ. ރަކީދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލު މަރާލާފައިވަނީ އަނިޔާވެރިގޮތަކަށެވެ. އެކުއްޖާގެ މަރުގެ މައްސަލާގައި މަންމަގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

comment ކޮމެންޓް