ނޯލަންގެ ފިލްމަކުން ޑިމްޕަލް އަށް ފުރުސަތު ދީފި

'އިންޓަސްޓެލާ'، 'ދަ ޑާކް ނައިޓް'، އަދި 'ޑަންކާކް' ފަދަ ފިލްމަތައް ޑައިރެކްޓުކޮށްފައިވާ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ކުރިއަށް އޮތް ފިލްމު 'ޓެނެޓް' އަށް ކުރީގެ ބޮލީވުޑް ބަތަލާ ޑިމްޕަލް ކަޕާޑިއާ ކާސްޓު ކޮށްފި އެވެ.

ފިލްމުން ޑިމްޕަލް ފެނިގެންދާނެކަން ހާމަކޮށްފައި ވަނީ އިއްޔެ ވާނާ ބްރޯޒް އިންނެވެ. ނަމަވެސް ފިލްމާ ގުޅޭ ގޮތުން ޑިމްޕަލްގެ ފަރާތުން އަދި ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

މިއީ އިނގެރޭސި ފިލްމެއްގައި ޑިމްޕަލް މަސައްކަތް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ޑިމްޕަލް ވަނީ މީގެ ކުރިން 2002 ވަނަ އަހަރު ރިލީޒްކުރި އިނގެރޭސި ފިލްމު 'ލީލާ' ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފަ އެވެ.

'ޓެނެޓް'ގެ ޝޫޓިން މިހާރު ފަށައިފައިވާއިރު، ޑިމްޕަލްގެ އިތުރުން ރޮބާޓް ޕެޓިންސަން، ޖޯން ޑޭވިޑް ވޮޝިންގްޓަން، އަދި މައިކަލް ކެއިން، ފަދަ ފަންނާނުން ވެސް ފިލްމުން ފެނިގެންދާނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން 'ޓެނެޓް' އަކީ ނޯލަންގެ ކާމިޔާބު ފިލްމު 'ޑަންކާކް'ގެ ފޮލޯ އަޕް އެކެވެ. 'ޑަންކާކް' އިން ނޯލަން އަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގަރީ އިން އޮސްކާ އަށް ނޮމިނޭޓް ވެފަ އެވެ.

'ޓެނެޓް' ވެގެންދާނީ ވަރުދަގަ އެކްޝަން ފިލްމަކަށް ކަމަށް ރިޕޯޓުތައް ބުނާއިރު، ހަތް ޤައުމެއްގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ އަހަރުގެ ޖުލައި 17ގައި ފިލްމު ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ.

ޑިމްޕަލް ފިލްމީ ދާއިރާއަށް ނުކުތީ އުމުރުން އެންމެ 16 އަހަރުގައި، 1973 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ބޮބީ' އިންނެވެ. އެއަށް ފަހު ގިނަ ފިލްމުތަކަކުން އޭނާ ފެނިގެން ގޮސްފައި ވާއިރު ފިލްމު 'ރުދާލީ' އިން ޤައުމީ އެވޯޑު ވެސް ވަނީ ހޯދައިފަ އެވެ.

ޑިމްޕަލްގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'ގަރްދިޝް'، 'ކްރާންތިވީރް'، 'ދިލް ޗަހަތާ ހޭ'، 'ބީންގ ސައިރަސް' އަދި 'ފައިންޑިން ފެނީ' ފަދަ ފިލްމުތައް ހިމެނެ އެވެ. ޑިމްޕަލް އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ނުކުތް އަނީސް ބަޒްމީގެ ފިލްމު 'ވެލްކަމް ބެކް' އިންނެވެ.

comment ކޮމެންޓް