އިމްރާން އާއި އަވަންތިކާ ވަރިފަށަށް އެރީތަ؟

ކެމެރާގެ ކުރިމަތިން ގެއްލިފައިވާ ބޮލީވުޑް އެކްޓަރު އިމްރާން ޚާން އާއި އޭނާގެ އަނބިމީހާ އަވަންތިކާ މަލިކް ޚާން އާދެމެދު މައްސަލަ ޖެހި ދެމީހުން ވަރިވާން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަށް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އިމްރާން އާއި އަވަންތިކާ ކައިވެނި ކުރީ 2011 ވަނަ އަހަރު އެވެ. މިހާރު އެ ކައިވެންޏަށް ވެސް އަށް އަހަރު ވެފައިވާ އިރު، ދެމީހުންގެ ފަސް އަހަރުގެ އަންހެން ދަރިއަކު ވެސް އެބަ ހުއްޓެވެ.

ދެމީހުންގެ ދޭތެރޭ މައްސަލަ ޖެހިގެން އުޅޭކަމަށް ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް ދެމީހުން ވަރިވާން އުޅޭކަމަށް އަޑު އެރީ، އަވަންތިކާ އޭނާގެ އިންސްޓަގްރާމް ނަމުން "ޚާން" ވަކި ކުރި ހިސާބުންނެވެ.

ކުރިން އަވަންތިކާގެ އިންސްޓަގްރާމް ނަމަކަށް ޖަހައިފައި އިނީ އަވަންތިކާ މަލިކް ޚާން އެވެ. ނަމަވެސް މިހާރު ނަމަކަށް އިނީ އަވަންތިކާ މަލިކް އެކަންޏެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވަރިއާ ހަމައަށް ދިޔައީ ދެމީހުންގެ ދޭތެރޭ ޚިޔާލު ތަފާތުވުން އުފެދި، އެއް ގަލަކަށް އެރޭ ގޮތް ނުވުމުންނެވެ. އަދި މިހާރު އަވަންތިކާ ދެމީހުންގެ ދަރިފުޅު، އިމާރާ، ގޮވައިގެން އޭނާގެ މައިންބަފައިންގެ ގެއަށް ބަދަލުވެފަ އެވެ.

މީޑިއާ ރިޕޯޓުތަކާ ގުޅިގެން އަވަންތިކާގެ މަންމަ ވަންދަނާ ބުނީ އިމްރާން އާއި އަވަންތިކާ މައްސަލަ ޖެހިގެން އުޅޭ ކަމަށާއި ނަމަވެސް ދެމީހުން ވަކިވާން ނޫޅޭ ކަމަށެވެ. ދެމީހުންގެ ދޭތެރޭ ޖެހުނު މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި ވަރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ވަންދަނާ ބުންޏެވެ.

comment ކޮމެންޓް