ޕީޕީއެމް-ޕީއެންސީން މަޖިލިސް ރައީސްކަމަށް ތާއީދު ކުރަނީ އަފީފަށް: ނިހާން

ޕީޕީއެމް/ޕީއެންސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ދެ ޕާޓީން ވެސް މަޖިލިސް ރައީސް ކަމަށް ތާއީދު ކުރައްވަނީ އަފީފަށް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލިސް ރައީސް ކަމަށް ތާއީދު ކުރައްވަނީ ވިލުފުށީ ދައިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަށް ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ފަސް ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެފައި ވަނީ މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށެވެ.

ޕީޕީއެމްއާއި ޕީއެންސީން މިރޭ ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، ރައީސް ސޯލިހްގެ އަފީފަށް ތާއީދު ކުރަން ނިންމަވާފައިވާއިރު، އެ ދެޕާޓީންވެސް މަޖިލިސް ރައީސް ކަމަށް ތާއީދު ކުރައްވަނީ ރައީސް ސޯލިހް ތާއީދު ކުރެއްވި ގޮތަށް އަފީފަށް ކަމަށެވެ.

"މިރޭ އަޅުގަނޑުގެންގެ ދެ ޕާޓީންވެސް މި ތިބީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް [މަޖިލިސް ރައީސް ކަމަށް] އެ ވިދާޅުވި ނަންފުޅަށް ތާއީދު ކޮށްގެން. ރައީސް ސޯލިހް މިރޭ ނަންފުޅެއް ވިދާޅުވެއްޖެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ދެ ޕާޓީންވެސް މި ތާއީދު ކުރަނީ ރައީސްއަށް. ރައީސް އެދިވަޑައިގެންނެވި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަން،" އަފީފްގެ ނަން ވިދާޅު ނުވެ ނިހާން ވިދާޅުވިއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލޭ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި ނިހާން ވިދާޅުވީ، އެ ދެޕާޓީގެ ވިސްނުމަކީ ސަރުކާރާ ގާތުން ސަރުކާރަށް އެއްބާރުލުން ދީގެން ކަންތައް ކުރެއްވުން ކަމަށެވެ.

ނިހާން އެގޮތަށް ވިދާޅުވި ނަމަވެސް، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުން މަޖިލިސް ރައީސްއާ ގުޅޭ ގޮތުން ރަސްމީކޮށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

"އަޅުގަނޑުމެން ޕާލިމަންޓަރި ގުރޫޕުން މިކަމާ [މަޖިލިސް ރައީސްކަމާ] ގުޅޭގޮތުން ސީދާ ރަސްމީކޮށް ބަހުސް ނުކުރޭ،" މަޖިލިސް ރައީސްއާ ގުޅޭ ގޮތުން ޕީޕީއެމްގެ ނިންމެވުމަކީ ކޮބާތޯ "ސަން"އިން ސުވާލުކުރުމުން ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެ ޕާޓީގެ ވިސްނުމަކީ ސަރުކާރަށް އެއްބާރުލުންދޭން ޖެހޭ ހާލަތްތަކުގައި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވާނަމަ އެގޮތަށް އަމަލު ކުރުން ކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ގުޅިގެން މަޖިލިސް ރައީސް ކަމަށް އެހެން މެމްބަރަކު ކުރިމަތިލެއްވުމަށް ޝައުގުވެރިކަން އެބަ ހުރިތޯ ސުވާލު ކުރުމުން، ޝިޔާމް ވިދާޅުވީ، ދެޕާޓީގެ މެމްބަރުންގެ އަދަދު މަޖިލިސް ތެރޭގައި މަދުވުމުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީން ފޮނުވާ ނަމަކާ މެދު ގޮތެއް ނިންމެވުން ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަފީފު ގެނައުމަށް ރައީސް ސޯލިހު ތާއީދު ކުރައްވާކަން ރައީސް ސޯލިހް މިރޭ އިއުލާން ކުރެއްވި އިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ތާއީދުކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށެވެ.

https://sun.mv/119464

މަޖިލީހުގެ ރައީސްކަމަށް އަފީފާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ ޕީޖީގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ މިމަހު 27 ވަނަ ދުވައެެވެ.

މަޖިލިސް ރައީސް އަކު ހޮވުމަށް ހަމަޖެހިފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މި މަހު 28 ވަނަ ދުވަހުގެ ރެއެވެ.

comment ކޮމެންޓް