ޒިޔާދު އިސްތިއުފާޔާ އެކު ނިއުގެ އެކްޓިންގް ޗެއާމަނަކަށް ސައްޔިދު އަލީ

ނިއުރޭޑިއަންޓުގެ ޗެއާމަނަކަށް ރޭ ހަމަޖެއްސެވި ސައްޔިދު އަލީ --- ފޮޓޯ/ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓުގެ ޗެއާމަނުކަމުން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކްޓިންގް ޗެއާމަނަކަށް އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ ހަމަޖައްސައިފި އެވެ.

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތް ނުދޭ ކަމަށް ބުނެ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމުން ޒިޔާދު އިސްތިއުފާ ދެއްވީ ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކެއް ތިބި ކަމަށް ފެންނާތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޒިޔާދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ނިއުރޭޑިއަންޓުން ރޭ ވަނީ ބޯޑު މީޓިންގްއެއް ބާއްވާފަ އެވެ. އެ މީޓިންގްގައި ނިއުރޭޑިއަންޓުގެ ބޯޑުން ވަނީ އެ ކުލަބުގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީއަށް އެކްޓިންގް ޗެއާމަން ކަމުގެ މަގާމު ހަވާލު ކުރަން ނިންމާފަ އެވެ. އަދި ބޯޑުގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ ޗެއާމަނަކަށް ކްލަބުގެ ސަޕޯޓަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވަނީ މި މީޓިންގައި ހަމަޖައްސާފަ އެވެ.

ނިއުރޭޑިއަންޓުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ މިދިޔަ އަހަރުގެ މެދުތެރޭގައި ފެންމަތިވެ އެކުލަބުން ކުޅުންތެރިން ވަނީ އެ މައްސަލަ އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސް ކޮމިޓީއަށް ހުށައަޅާފަ އެވެ. އެގޮތުން ޖުމްލަ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަން ވަނީ އެ އެފްއޭއެމް އިން އެ ކުލަބަށް އަންގާފަ އެވެ. އަދި އެ ފައިސާ ދިނުމަށް އެކި ފަހަރުގެ މަތިން ވަނީ މުހުލަތު ތަކެއް އެކުލަބަށް ދީފަ އެވެ.

ނަމަވެސް އެކަން ކަމަށް ފަރުވާ ކުޑަ ކުރީ ކަމަށް ބުނެ އެފްއޭއެމްއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ނިއުރޭޑިއަންޓް ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑު ކޮށްފަ އެވެ. އެކަމުގެ ސަބަބުން ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބައެއްގެ ތެރޭގައި ހިޔާލު ތަފާތުވެ ފިނި ހަނގުރާމައެއް ވަނީ އުފެދިގެން ގޮސްފަ އެވެ.

އެފްއޭއެމްއިން ނިއުރޭޑިއަންޓަށް އޭރު އެންގީ ކުޅުންތެރިންނަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ދައްކާ، ޙަލާސް ކުރުމުން ނޫނީ ސަސްޕެންޝަން އުވާ ނުލާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެފްއޭއެމްއިން ބޭއްވި އަހަރީ ކޮންގުރެސްގައި ވަނީ ބައިވެރިވި ކުލަބުތަކުގެ ބޮޑު އަގުލަބިއްޔަތަކާ އެކު ނިއުރޭޑިއަންޓް އަންނަ އަހަރުގެ ކޮންގްރެސްއާ ހަމައަށް ސަސްޕެންޝަން އުވާ ނުލާން ތާއީދު ކޮށްފަ އެވެ.

ނިއުރޭޑިއަންޓަށް މި ދިމާވި މައްސަލަތަކާ އެކު ކުރިއަށްދާން އޮތް ފުރުސަތުތައް ބަންދުވުމުން އެކުލަބުގެ ހިންގުން ހުއްޓުމަކަށް ދަމުން ދަނިކޮށް އެކުލަބުގެ ސަޕޯޓަރުން ވަނީ އަލުން އ ކުލަބު ނަގައި ކޮޅަށް ޖަހާނެ ކަމަށް ބުނެ ތެދުވެފަ އެވެ. އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މޮސްޓާ އެވެ.

comment ކޮމެންޓް