ކަނޑޫދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލަރުން ރައީސްއާ ހިއްސާކޮށްފި

ކަނޑޫދޫ ކައުންސިލް މެމްބަރުން ރައީސް ސޯލިހްއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ތ. ކަނޑޫދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެރަށުގެ ކައުންސިލް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހިއްސާކޮށްފިއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކަނޑޫދޫ ކައުންސިލްގެ މެމްބަރުން ވަނީ އެ ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ރައީސްއަށް އަރުވައިފައެވެ.

އެގޮތުން އެރަށުގައި މިހާރު ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެއްޓުމަށް ކައުންސިލް މެމްބަރުން ވަނީ ރައީސްގެ އަރިހުން އެދިފައެވެ.

ކަނޑޫދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނަވާޒް "ސަން" އަށް ވިދާޅުވީ އެރަށުގައި ފުޓްސަލް ދަނޑުއެޅުމުގެ މަސައްކަތާއި އަދި ވާރޭފެން ތާނގީތައް ބެހެއްޓުމުގެ މަޝްރޫއު މިހާރު ހުއްޓިފައިވާތީ އެ މަސައްކަތްތައް އަލުން ފެށުމަށް ރައީސްއަށް ދެންނެވި ކަމަށެވެ.

އެރަށުގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމަށް ޚިދުމަތް ދޭނެ އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވައި އަދި އެރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްދިނުމަށް އެދިވަޑައިގަތްކަމަށް ނަވާޒް ވިދާޅުވިއެވެ.

" ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫއުގަ ސޮއިކުރެވި ޖުލައިގަ އަމަލީ މަސައްކަތް ފެށޭނެކަމަށް" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ކަނޑޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް