ރަނގަޅު ޕްރޮޖެކްޓްތަކެއް ލިބިއްޖެނަމަ މަހާޖައްރާފުން ފައިދާވާނެ: އެމްޓީސީސީ

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތުގައި މަހާޖައްރާފު--

ރަނގަޅު ޕްރޮޖެކްޓްތަކެއް ލިބިއްޖެނަމަ ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީން ބަން ބޮޑު ޑްރެޖަރު، މަހާޖައްރާފުން ފައިދާ ނެެރެވިދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މަހާޖައްރާފު ފަދަ ބޮޑު އެސެޓެއް އޮތުން ރާއްޖެއަށް މުހިންމު ކަމަށާއި އެހެން ނޫންނަމަ ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ހަވާލުކުރަން ޖެހޭނީ ބޭރުގެ ބޮޑެތި ކުންފުނިތަކަށް ކަމަށެވެ.

" އެއީ 24 ގަޑިިއިރު ކޮންނަން ގެނައި އެއްޗެއް. ޝިފްޓަށް މީހުން ލައިގެން. އެގޮތަށް ކޮނެވޭކަމަށް ވަންޏާ އެއީ ހަމަ ވަރަށް ފައިދާ ހުރި އެސެޓެއް،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މަހާޖައްރާފަށް ކައިރިކައިރީގައި ޕްރޮޖެކްޓްތަކެއް ލިބިއްޖެނަމަ ފައިދާވާނެ ކަމަށެވެ. އަދި ކުރިއަށް ތަނުގައި ޕްރޮޖެކްޓްތައް ރޭވިފައިވާ ކަމަށާއި އެގޮތުން މިހާރު ހއ. ހޯރަފުށީގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އަދި އޭގެ ފަހުން ކ. ހުރައާއި އެހެން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ތާވަލްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން މަހާޖައްރާފް އޮޕަރޭޓްކުރަމުންދިޔައީ ހަމައެކަނި ނެދެލޭންޑްސްގެ ކުރޫއިން ލައިގެން ނަމަވެސް އެމީހުންގެ އެގްރިމަންޓް ހަމަވަމުން އެހެންގައުމުތަކުގެ މީހުން ގެނެސް ތަމްރީންކުރަންވެސް އެމްޓީސީސީން މަސައްކަތްކުރިއެވެ.

"ސީނިއާ މެނޭޖްމަންޓްގެ ލަފަޔާއެކު ހަރަދުކުޑަކުރަންވެގެން ނެދެލެންޑްސް މީހުންގެ އެގްރިމަންޓް ޓާމިނޭޓްކުރީ. ދެން އަޅުގަނޑުމެން ބެލީ އަމިއްލައަށް މިކަން ކުރެވޭތޯ. ދެން އިންޑިއާއިން މީހުން ގެނެސްގެންވޭތޯ ބެލީ. މީހުން ބަރާބަރަކަށް ނުވެސްގެނެވޭ. ދެން ގެންނަމީހުންވެސް އެހާވަރަށް ޕާފޯމްއެއް ނުކުރެވޭ،" ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ މަހާޖައްރާފު ފަދަ ބޮޑު އެސެޓެއް ރަނގަޅަށް ނުހިންގި ގެއްލުންވަމުންދާތީ ކުރިން ގެންގުޅުނު ބައެއް ނެދެލެންޑްސްގެ ކްރޫއިން މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

comment ކޮމެންޓް