މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެން ވަނީ އަފީފް: ރައީސް

މަޖިލިސް ތަރާވީހަށް ފަހު ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓީ: ފަޔާޒް މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިއަކު ކުރި ސަވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑު މި ހުރި މަގާމުގެ ހައިސިއްޔަތުން އަޅުގަނޑު ވަކި މީހެއްގެ ނަން ޕަބްލިކްގައި ބުނުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު މި ދެންނެވި ފަދައިން އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް ފެނިފައި އެބަ ހުރި، އަޅުގަނޑަށް އަސްލަމްއާ އެކީގައިވެސް މަސައްކަތް ކުރެވިފައި އެބަ ހުރި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފް އަކީ މިކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަފީފު ގެނައުމަށް ރައީސް ސޯލިހު ތާއީދު ކުރައްވާކަން މީގެ ކުރިން "ސަން"އަށް ވަނީ ކަށަވަރުކުރެވިފައެވެ. އެކަމަކު، މަޖިލީހުގެ ރައީސްގެ ރޭހުގައި ކުރީގެ ރައީސް ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކަމަށް ވާހަކަ ދެކެވެއެވެ.

ރައީސް ސޯލިހާއި ނަޝީދު، މަޖިލީހުގެ ރައީސްކަމަށް ތާއީދުކުރައްވަނީ ތަފާތު ދެ ބޭފުޅަކަށް ކަމަށް ވާހަކަ ދެކެވުމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބަކުންނެވެ.

މަޖިލީހުގެ ރައީސްކަމަށް އަފީފާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

comment ކޮމެންޓް