ތާރު އެޅުމުގެ ޕްރޮޖެކްޓާ މެދު މުއިއްޒު ސުވާލު އުފައްދަވައިފި

ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރަ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ؛ ހައުސިން މިނިސްޓްރީ

ހަތަރު ރަށެއްގައި ތާރުއެޅުމަށް އެމްޓީސީސީން މިއަދު ސޮއިކުރި 118 މިލިއަން ރުފިޔާގެ ޕްރޮޖެކްޓާ މެދު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ހދ. ހަނިމާދޫ. ރ. ދުވާފަރާއި އުނގޫފާރުގެ އިތުރުން ލ. ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ ޕްރޮޖެކްޓްތަކާމެދު ސުވާލު އުފައްދަވައި މުއިއްޒު ވިދާޅުވީ އެ ރަށްތަކުގައި ތާރު އަޅަން މިދިޔަ ސަރުކާރުގައި ފަށައި ބޮޑުބައި ނިމިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ފޮނަދޫ އަދި އުނގޫފާރުގައި ތާރުއަޅަން 2015 އަހަރު އޮތީ އެމްއާރުޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ހަނިމާދޫގެ މަގުތައް ތާރު އަޅަން އެމްއާރުޑީސީއާ ހަވާލުކުރީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އެމްއާރުޑީީސީ އުވާލައި އެ ހުރިހާ ރަށެއްގެ މަސައްކަތްތައ ކުރިއަށްގެންދިޔައީ ޕަބްލިކް ވާކްސްގެ ދަށުންނެވެ. އަދި ދުވާފަރުގެ މަސައްކަތް އެންމެ ފުރަތަމަވެސް ކުރިއަށް ގެންދިޔައީ ޕަބްލިކް ވާކްސްގެ ދަށުން އެވެ.

ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރަ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހައުސިން މިނިސްޓްރީ

މުއިއްޒު ވިދާޅުވީ އެމްޓީސީސީއާ އަލުން އެ މަސައްކަތްތައް ހަވާލުކުރި އިރު، ދުވާފަރުގެ 60 ޕަސެންޓް، އުނގޫފާރުގެ 75 ޕަސެންޓް، ހަނިމާދޫގެ 36 ޕަސެންޓް އަދި ފޮނަދޫގެ 78 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އެހެން ކަމުން އަލުން އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރުގް ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ބޮޑަށް ނިމިފައި އޮތީ ކާނު އެޅުންފަދަ ސައިޑްވާކްސްގެ މަސައްކަތް ކަމަށެވެ. އަދި އެމްޓީސީސީއާ އެ ޕްރޮޖެކްޓް ހަވާލުކުރީ ތާރު އެޅުމުގެ މަސައްކަތް ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް