ލަންކާގައި ވިސާ ނެތި އުޅޭ ދިވެހީން މައުލޫމާތު އެބަ ހިއްސާކުރޭ: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހީން، އެމީހުންގެ މައުލޫމާތުތައް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ހިއްސާކުރަމުން އެބަ ގެންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވީ ވިސާ ހަމަވުމުގެ އިތުރުން، ޕާސްޕޯޓުގެ މުއްދަތުވެސް ހަމަވެ، ފަސް އަހަރުވެސް ހަމަވެފައިވާ ދިވެހީން ލަންކާގައި އެބަ އުޅެ އެވެ.

މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް އެގައުމުގައި ދިރިއުޅޭ ދިވެހީން، ދިވެހި އެމްބަސީއަށް އަމިއްލައަށް ގުޅާއި، އެމީހުންގެ ނަމާއި ހުރިހާ މައުލޫމާތުތައް ދެމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެމީހުން ތިބީ ކޮން ތަނެއްގައިކަން ހާމަކުރަން އެމީހުން ބޭނުން ނުވާކަމަށް ބުނާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްރީލަންކާގައި ގަވައިދާ ހިލާފަށް އުޅޭ ދިވެހީންގެ މައްސަލަ ފެންމަތިވީ، އެގައުމުގައި މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު ސަލާމަތީ ބާރުތަކުން އެގައުމުގެ ހުރިހާ ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ސްރީލަންކާގެ ސަރުކާރުން އަންގާފައިވަނީ އެގައުމުގައި ދިރިއުޅޭ ބިދޭސީން، އެންމެ ކައިރި ޕޮލިސް ސްޓޭޝަނެއްގައި ރެޖިސްޓްރީކުރުމަށް އެންގުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ލަންކާގައި ގަވައިދާ ހިލާފާށް، ވިސާ ނެތި އުޅެމުންދާ ދިވެހީންގެ ތެރޭގައި، ނޮވެމްބަރު 3 މައްސަލައިގައި ޖަލަށް ލާފައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީވެސް ހިމެނޭ ކަމަށެވެ. ލުތުފީއަކީ 2010 ވަނަ އަހަރު ސިއްހީ ފަރުވާއަށް ލަންކާއަށް ފޮނުވާލުމުން އަނބުރާ ރާއްޖެ ނައިސް، ލަންކާގައި ފިލައިގެން އުޅޭ މީހެކެވެ.

މީގެ އިތުރުން ހުޅުމާލޭގައި ފްލެޓު އަޅައި ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އަންމަޓީ)ވެސް އުޅެމުން ދަނީ ލަންކާގައި ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް