ވިލިނގިލީގައި ބޮޑުވި ފެންގަނޑު ހިންދައިފި، ރަށް ކްލޮރިން ކުރަނީ

ވިލިނގިލީ ބޮޑު މަގުގެއްގައި ފެންބޮޑުވެފައި: މިހާރު ފެންގަނޑު ވަނީ ހިންދާލައިފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގއ. ވިލިނގިލީގައި އިއްޔެ މެންދުރަފަހުން ފެށިގެން ރެޔާ ހަމައަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑުވި ފެންގަންޑު ހިންދާލައި، ފެން ބޮޑުވި ބައެއް ހިސާބުތަށް ކްލޮރިން ކުރަން ފަށައިފި އެވެ.

ވިލިނގިއްޔަށް އިއްޔެ ކުރި ވިއްސާރައިގައި އެ ރަށުގެ 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ، ބައެއް ގޭތަކުގެ ހިފާ ގެންފުޅޭ ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. އެއާއެކު އެ ރަށުގެ ބައެއް ގެތަކުގެ ޖަންކްޝަން ފަޅައިގެން ގޮސް ނަޖިސް ވެސް ވަނީ މައްޗަށް އަރައިފަ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް، ހިސާން ހުސެއިން މިއަދު "ސަން" އަށް ވިދާޅުވީ، އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ރޭ 10:00 ގައި އެރަށަށް ގޮސް ފެންފަނޑު އެއްކޮށް ހިނދާލި އިރު، ދަންވަރު 1:00 ވެފައިވާ ކަމަށެވެ. ފެން ހިންދުމުގައި އެ ރަށުގެ ރެޑްކްރޮސެންޓް ގޮއްޕާއި ފުލުހުންނާއި ރަށުގެ ރައްޔިތުން އެހީތެރިކަން ލިބިފައިވާ ކަން ހިސާން ފާހަގަ ކުރެއްވި އެވެ.

"މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ނަޖިސް މައްޗަށް އެރި ހިސާބުތަކަށް ކޮލޮރިން އެޅުމުގެ މަސައްކަތް ދަނީ ކުރަމުން." ހިސާން ވިދާޅުވިއެވެ.

ވިލިނގިއްޔަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފައި: މިހާރު ފެން ހިންދާލައިފައިވާ އިރު، ބައެއް ހިސާބުތަކަށް ކުލޮރިން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިނގިލީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ "ސަން" އަށް ވިދާޅުވީ، ގެތަކަށް ފެންވަދެ ބައެއް ގެތަކުގެ ހިފާ ގެންގުޅޭތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގައި ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން، ދެ އައިލާއެއް އެހެން ގެތަކަށް ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިއްސާރަވެ ގޭގެއަށް ފެން ވަނުމުގެ ސަބުން ރޭ އައިލާތަކަށް ނިދޭ ވަރު ނުވުމުން، ދެ އައިލާއެއް ވަނީ އެހެން ގޭގެއަށް ބަދަލު ކުރެވިފައި،" މުސްތަފާ ވިދާޅުވި އެވެ.

ވިލިނގިލީގައި ބޮޑޫވި ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަނީ: މިހާރު ފެންގަނޑު ވަނީ ހިންދާފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

މުސްތަފާ ވިދާޅުވީ، ރަށަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މަގުތަކުފައި ފެންބޮޑުވެ، ގޭގެގައަށް ފެން ވަންނަ މައްސަލަ ތަކުރާތުވަމުންދާ ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މީގެ ކުރިންވެސް ގެންސްފައި ވާނެ ކަމަށެވެ. ނަމަވެސް އަދިވެސް "އެއްވެސް އަލިމަގެއް ނުފެންނަ" ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިނގިލީގައި ބޯކޮށް ވާރޭ ވެހޭ ނަމަ އާންމުކޮށް ރަށުގެ މަގުތަށް ފެން ބޮޑުވެއެވެ. ނަމަވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހިގެން އިއްޔެ ފެންބޮޑުވީ ވަރަކަށް އަދި ދުވަހަކުވެސް އެ ރަށުގައި ފެން ބޮޑު ނުވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އިން ވަނީ ހުރިހާ ބޭފުޅުންވެސް ކުރިއާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް