ޓެކްސީ ހިދުމަތަށް އެޕެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ލިންކު ރޯޑުން ޓެކްސީއެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ

ރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޓެކްސީ ހިދުމަތް ދިނުމަށް ބޭނުން ކުރާނެ އޮންލައިން އެޕްލިކޭޝަން ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 އަދި 30 ވަނަ ދުވަހު އެ އޮތޯރިޓީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 30 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ބްރިޖާ ގުޅިފައިވާ ލިންކު ރޯޑުން ކުރާ ދަތުރުތަކަށް ޑްރައިވަރުން ބޮޑު އަގު ނަގާ މައްސަލައަށް ހައްލު ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ޓެކްސީތަކުގައި މީޓަރު ބޭނުން ކުރަން ފެށުމަށް ނިންމައިފަ އެވެ. ޓެކްސީ މީޓަރަށް ބޭނުންކުރާނީ މޯބައިލް އެޕްލިކޭޝަނެއް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ޓްރާންސްޕޯޓުން ބުނީ މި އެޕްލިކޭޝަނަކީ މިޓަރުގެ ފީޗާ އާއެކު ޓެކްސީ ހޯދަން ފަސޭހަ ވާނެ ގޮތަށް ތައްޔާރުކުރާ އެޕްލިކޭޝަނެއް ކަމަށެވެ.

މީގެ ކުރިން ޓެކްސީ ނުލިބޭ މައްސަލަ އަށް ހެއްލު ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ވަނީ އަމިއްލަ ކުުންފުންޏަކާ ގުޅިގެން ޓެކްސީ ހޯދަން ފަސޭހަވާނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. ނަމަވެސް އެ އެޕްލިކޭޝަން ވައިގައި ނުހިފައި ދިޔައީ އެވެ. މިހާރުވެސް އަމިއްލަ ޓެކްސީ ސެންޓަރަކުން އޮންލައިން ޓެކްސީ ބުކިންގެ ހިދުމަތް ދެއެވެ.

https://sun.mv/65524

comment ކޮމެންޓް