ޕާކިސްތާނުގެ އަވަށެއްގައި 600 މީހުންނަށް އެޗްއައިވީ ޖެހިފައި

ލަރުކަނާގައި 600އަށް ވުރެ ގިނަ މީހުން ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (މެއި 22): ޕާކިސްތާނުގެ ސިންދު ޕްރޮވިންސުގައި އޮންނަ ލަރުކަނާ ޑިސްޓުރިކްޓުގައި އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 600އަށް ވުރެ އިތުރުވެއްޖެ އެވެ.

ލަރުކަނާގައި ގިނަ އަދަދެއްގެ މީހުންނަށް އެޗްއައިވީ ޖެހުނީ، ވައިރަސް ހުރި ސިރިންޖެއް ޑޮކްޓަރަކު ތަކުރާރުކޮށް ގިނަ އަދަދެއްގެ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރުމުންނެވެ. އެމައްސަލައިގައި ޑރ. މުޒައްފަރު ގަންގަރޯ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާއަށް އެއިޑްސް ޖެހިފައިވާކަން ވަނީ ހާމަވެފަ އެވެ.

ނަމަވެސް ގަންގަރޯ ވަނީ އެޗްއައިވީ ޖެހިފައިވާ އެންމެންނަކީ އޭނާ ފަރުވާ ދިން މީހުން ނޫން ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން ފާއިތުވި މަހެއްހާ ދުވަސްތެރޭ ލަރުކަނާގެ 18،418 މީހުން އެޗްއައިވީއަށް ވަނީ ޓެސްޓުކޮށްފަ އެވެ. އަދި އޭގެ ތެރެއިން 607 މީހުން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 75 ޕަސެންޓަކީ އެއް މަހާއި 15 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެއިޑްސް ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމުގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ފާތިމާ މިރު ވިދާޅުވި ގޮތުގައި ގިނަ ކުޑަކުދިންނަށް ބަލި ޖެހެނީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުންނެވެ.

"ކުޑަކުދިންނަށް އެޗްއައިވީ އިންފެކްޝަން ޖެހެނީ ތިން ގޮތަކަށް. އެއީ ގާތުންދޭ މައިންގެ ފަރާތުން ނުވަތަ ލޭ އެޅުމުން ނުވަތަ އިންފެކްޝަން ހުރި ސިރިންޖަކުން،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ފާތިމާ އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ ތަޖުރިބާގައި ގިނަ ކުޑަކުދިންގެ މައިންގެ ފަރާތުން އެޗްއައިވީ ފެނިފައި ނުވެ އެވެ. އަދި އޭގެ ތެރެއިން ލޭ އަޅާފައި ވަނީ މަދު ކުދިންނަށެވެ. އެހެންކަމުން އެކުދިންނަށް އެޗްއައިވީ ޖެހެނީ، ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދިނުމަށް އެއް ސިރިންޖެއް ބޭނުން ކުރުމުން ކަމަށް ޑރ. ފާތިމާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ސިންދު ޕްރޮވިންސުގެ ހެލްތް މިނިސްޓްރީން ވަނީ އިތުރު އެޗްއައިވީ ޓެސްޓުތައް ހަދައި، އެޗްއައިވީއާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބާއްވަން ފަށައިފި އެވެ.

comment ކޮމެންޓް