އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ އިން އެހީ ދީފި

އއ. އުކުޅަސް: -- ފޮޓޯ/ ފޭސްބުކް

އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމާއި ދ. ވާނީގައި ހުންނަ ފުލުހުންގެ ސްކޫލް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ އިން ދީފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އުކުޅަހުގައި ބައިނަލްއަގުވާމީ ކޮންވެންޝަން ސެންޓަރެއް އެޅުމަށް 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބިފައިވާ ކަމަށެވެ.

އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އެޅުމުގެ މަގުސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ކޮންވެސްޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަގުވާމީ ފެންފަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށް ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ތަމްރީނު ކުރުމަށް ދ.ވާނީގައި ހިންގާ ޓްރެއިނިން ސްކޫލަށް އިންޑިއާ އިން ހިލޭ އެހީ ވަނީ ދީފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރާ ހާއްސަ މަރުކަޒަށް ޕްރޮޖެކްޓުތައް ހިންގުމަށް ހަތް މިލިއަން ރުފިޔާގެ އެހީ ހަމަޖައްސާފައިވާ ކަމަށެވެ.

މި ޓްރެއިނިން ސެންޓަރަށް އެހީ ދޭން ނިންމީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމާފައިވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިމަހުގެ 17 އިން 18 އަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

comment ކޮމެންޓް