އުރީދޫ ބަދިގެ: މިއީ އެއްވަނައިގެ ވެނީލާ ކާށި ކޭކެއް

ދިވެހި ރުކަކީ ދިވެހީންނަށް ލިބިފައިވާ ގުދުރަތީ އެންމެ ބޮޑު އެއް ރައުސުލްމާލެވެ. ރުކުގެ ހުރިހާ ބައެއްހެން ދިވެހީންގެ ދިރިއުޅުމުގައި ބޭނުންކުރާ އިރު، އެ ރުކުގައި އަޅާ ކާއްޓަކީ ދިވެހީންގެ ގިނަ ކެއުންތަކުގައި ބޭނުންކުރާ އެއްޗެކެވެ.

އުރީދޫ ބަދިގޭގެ މި ހަފްތާގެ ޝެފް، އައިމިނަތު ނަހުދާ ހުސައިން (ނަހޫ) މިއަދު އަހަރެމެންނަށް ތައްޔާރު މި ކޮށްދެނީ ކާށި ހުނި ހިމެނޭ ގޮތަށް އަޅާ ވެނީލާ ކޭކެކެވެ. މިއީ ހަމަ ގައިމުވެސް ދިވެހީންނަށް ކަމުދާނެ ފޮނިކާއެއްކަން ޔަގީނެވެ.

ނިކަން އަޖުމަ ބަލާލުމަށް، ނަހޫގެ މި ރެސިޕީއާ އެއްގޮތަށް މިއަދުގެ ރޯދަ ވީއްލުމަށް ވެނީލާ ކާށި ކޭކެއް އަޅާލަބަލާށެވެ.

ބޭނުންވާ ތަކެތި

  • 1 ކާށީގެ ހުނި
  • 1 ފޮށި ވެނީލާ ކޭކް މިކްސް
  • 1 މޭޒުމަތީ ސަމުސާ ބްރައުން ޝުގާ
  • 1 ދަޅު ގެރިކިރު
  • 1 ސައިސަމުސާ މާޖިރީން

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ވެނީލާ ކޭކް މިކްސް ފޮށީގައިވާ އިންސްޓްރަކްޝަންސްއާ އެއްގޮތަށް ކޭކު މިކްސް ތައްޔާރުކުރާށެވެ. އެއަށްފަހު ގާނާފައިވާ ކާށި ހުނީގެ އެއްބައި، ކޭކް މިކްސްގެ ތެރެއަށް އެޅުމަށްފަހު ކޭކު ފިހަން އަވަނަށް ލާށެވެ.

ކޭކު ފިހެވުމާއެކު އަވަނުން ނަގައި، އުލެއް ބޭނުންކޮށްގެން ކޭކުގެ އެކި ދިމަދިމާލުން ލޯވަޅުތަކެއް ހަދާށެވެ.

ކޭކުގެ މައްޗަށް އަޅާ ކެރަމެލް ސޯސް ތައްޔާރުކުރާނެ ގޮތާއި ކޭކު ގާނިޝްކުރާނެ ގޮތް

ބާކީ ހުރި ކާށި ހުނިކޮޅު މުށިކުލައަށް އަރަންދެން ޕޭންއެއްގައި ހަނާކޮށްލާށެވެ.

ދެން ޕޭންއެއްގައި މާޖިރީން ވިރެންދެން ހޫނުކޮށްލާށެވެ. ގެރިކިރު ދަޅުގެ ދެބައިކުޅަ އެއްބައި، އަދި ބްރައުން ޝުގާކޮޅު ވެސް އެއްކޮށްލުމަށްފަހު ކެރަމެލް ސޯސް އޮލަ ވަންދެން ހޫނުކުރާށެވެ. އެއަށްފަހު ހަނާކުރި ކާށި ހުނިކޮޅެއްވެސް އަޅާލައި، ސޯސް އެއްކޮށްލާށެވެ. ކެރަމެލް ސޯސް އޮލަވުމުން ޕޭން އުނދުން ނަގާށެވެ.

ދެން ވެނީލާ ކޭކުގެ މައްޗަށް ހޫނު ކެރަމެލް ސޯސް އަޅައި ފަތުރާލާށެވެ. އަދި ކެރަމެލް ސޯސްގެ މައްޗަށް، ބާކީ ހުރި ހަނާކުރި ކާށި ހުނި އަޅާލާށެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް