ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނު ތަކެއް ފަށައިފި

އޭޕްރީލް 23، 2019: ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގައި ހާއްސަ ތަމްރީނުތަކެއް ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭގައި މިރޭ ފެށި ތަމްރީނު ތަކުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންވެސް އެ ތަމްރީން ތަކުގައި ބައިވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"މިރެއިން ފެށިގެން 23 ވަނަ ދުވަހުގެ ހަވީރު ހައެއް ޖެހުމާ ހަމައަށް މި ތަމްރީނުތައް ކުރިއަށްދާނެ. ތަމްރީނުތަކުގެ ތެރެއިން ފަޅުގައި އަޅާފައި ހުންނަ އުޅަނދު ފަހަރާއި އެއްގަމު ދަތުރުކުރާ އުޅަނދުތައް ޗެކްކުރުން ހިމެނޭ." ފުލުހުން ބުންޏެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީނު ތަކުގައި ސިފައިންވެސް ބައިވެރިވެ އެވެ. އެމްއެންޑީއެފުން ބުނީ އެ ތަމްރީނު ތަކުގައި ރަށްރަށުގައިވެސް މާލޭގައިވެސް ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށެވެ.

"ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަން. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރަން." އެމްއެންޑީއެފުން ބުންޏެވެ.

ސްރިލަންކާގައި ދިނ ބޮމުގެ ހަމަލާތަކަށް ފަހު ސިފައިންނާއި ފުލުހުން ހިންގާ މިއީ ދެވަނަ ފަރިތަކުރުން ތަކެވެ.

comment ކޮމެންޓް