ލަންކާގައި ހައްޔަރުކޮށްފައި ތިބި ދެ ދިވެހިން ދޫކޮށްލައިފި

ފޮޓޯ: އޭޕީ

އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނުނު މައްސަލައިގައި ސްރީލަންކާ ފުލުހުން ހައްޔަރުކޮށްފަައިވާ ދެ ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު ރައްޒާގު މިއަދު "ސަން"އަށް ވިދާޅުވީ، އެ ދެ ދިވެހިން މިއަދު ދޫކޮށްލީއިރު އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ 26 އެޕްރީލްގަ އެވެ.

"އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ދިވެހި އެއްވެސް މީހެއް މިވަގުތަކު މިހާރު ހައްޔަރުކޮށްފައެއް ނެތް،" އުމަރު ރައްޒާގު ވިދާޅުވި އެވެ.

ނުގެގޮޑާ އިން އެ ދެމީހުން ހައްޔަރު ކުރީ އޭޕްރީލް 21 ވަނަ ދުވަހު ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު، އެގައުމުގައި ހިންގި އޮޕަރޭޝަންތަކުގައެވެ. ހައްޔަރު ކުރި ދެމީހުންނަކީ އާދަމް މުހައްމަދު މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) އެވެ.

ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އާދަމް މަނިކު އަކީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު މީހެކެވެ. އޭނާ އެ ގައުމުގައި މަޑުކޮށްގެން ހުރީ ހަސަން މަނިކު ލަންކާގައި ދިރިއުޅޭ ގޭގައެވެ.

އެނގިފައިވާ ގޮތުގައި ހަސަން މަނިކުގެ ގެއިން ފެނުނު އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތަކީ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިސިސް" އެވެ. އަދި ހައްޔަރު ކުރި ދެ މީހުންނާ އެ ފޮތާ ގުޅުމެއް ނެތް ކަމާއި، އެ ފޮތަކީ ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދިވެހި ދަރިވަރަކު ގެންގުޅުނު ފޮތެއްކަން ވަނީ އެނގިފައެވެ. އެ ފޮތަކީ ލަންކާގެ ބުކްޝޮޕްތަކުން ލިބެން ހުންނަ ފޮތެކެވެ.

ލަންކާގައި ބޮން ގޮއްވާލި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން ފޭކް ލައިސެސްއަކާއެކު އެއާ ރައިފަލް ގެންގުޅުނު ހަތަރު ދިވެއްސަކުވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެ މީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު