ހުޅުމާލޭ އާ މާރުކޭޓުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލޭގައި އަޅާފައިވާ އާ މާރުކޭޓް -- ފޮޓޯ: ޕީއެސްއެމް

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހެދި "ރަށު މާރުކޭޓު"ގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ ޕްރީ މިޑް މީޓިން އޮންނާނީ އަންނަ ބުރާސްފަތު ދުވަހުގެ 13:00 ގައި ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތުގައި ކަމަށެވެ. އަދި ބިޑަށް އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ރަށު މާރުކޭޓުން ބަހާފައި ވަނީ ދެ ބާވަތެއްގެ ގޮޅިތަކެކެވެ. އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލްއެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖެހިފައިވާ ގޮޅިތަކެވެ.

އާންމު ފަރާތްތަކަށް ޖުމްލަ 42 ގޮޅިއެއް ކުރިން ދޫކޮށްފައިވީ ނަމަވެސް އެ ގޮޅިތަކެއް އާންމު ފަރާތްތަކަށް އަދި ހަވާލުކޮށްފައެއް ނުވެއެވެ.

އެ މާރުކޭޓު ހެދީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާ ހަވާލުކޮށްގެންނެވެ. އެ ލޯކަލް މާރުކޭޓުގައި 69.45 އަކަފޫޓުގެ 37 ޑްރައި ސްޓޯލް އާއި 69.45 އަކަފޫޓުގެ 20 ވެޓް ސްޓޯލް ހުންނާނެއެވެ.

comment ކޮމެންޓް