ދުނިޔޭގައި އުފެދުނު އެންމެ ތާފާތު އެއް މިޑްފީލްޑަރު ޒަވީ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިންގެ ލެޖެންޑް ޒަވީ ހަނެންޑެޒް ފުޓުބޯޅަ ކުޅުން ހުއްޓާލުމުން އޭނަގެ އެންމެ ފަހުގެ ކުލަބް އަލް ސައްދުން އެކަމުގެ އަގުވަޒަން ކުރަނީ --- ފޮޓޯ/ރަޔާން ބެންސަން

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަވީ ހަނެންޑެޒްގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކަރިއަރު ނިންމާލައިފި އެވެ.

ވޭތުވެ ދިޔަ ތިން އަހަރު ވަންދެން ގަތަރުގެ އަލް ސައްދަށް ކުޅެމުން ދިޔަ ޒަވީ ވަނީ ރޭ އޭނަގެ އެންމެ ފަހު މެޗު ކުޅެފަ އެވެ. މިހާރު ކުރިއަށްދާ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ ޕާސް ޕޮލިސްއާ ދެކޮޅަށް ކުޅުނު އެ މެޗުން އަލް ސައްދު ވަނީ 0-2ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ނަން ކިޔާލެވޭ ޒަވީ އަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބާސެލޯނާ އާއި ސްޕެއިން އާ އެކު ހޯދެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެގޮތުން ޒަވީ ވަނީ ސްޕެއިން އާ އެކު ދެ ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބުކޮށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތަށި ވެސް އުފުލާލައިފަ އެވެ.

ބާސެލޯނާގެ ކެޕްޓަން ކަމުގައި ވެސް ގިނަ ދުވަސްތަކެއް ކުޅުނު ޒަވީ އެ ޓީމު ދޫކޮށްލީ 2015 ވަނަ އަހަރު އެ ކުލަބަށް ޓްރެބަލް ހޯދައިދިނުމަށް ފަހު އެވެ. އެ އަހަރު އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ބާސެލޯނާ އިން ވަނީ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ކޮޕަ ޑެލްރޭ ވެސް ކާމިޔާބު ކޮށްފަ އެވެ. ޒަވީ ވަނީ ޖުމްލަ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ބާސެލޯނާއާ އެކު ހޯދައިފަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ފުޓުބޯޅައިގެ އެންމެ މަތީގައި ކުޅުމަށް ފަހު ޒަވީ މި ސީޒަން ނިމުމަށް ފަހު ރިޓަޔާ ކުރާނެ ކަން އެންގީ މިދިޔަ މަހު އެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލި ނަމަވެސް ފުޓުބޯޅައިގެ ތެރެއިން އޭނާ ނުގެއްލޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ކުޅުން ނިންމާލުމަށް ފަހު ފެންނާނީ ކޯޗިންގް ދާއިރާއިން ކަމަށެވެ.

comment ކޮމެންޓް