ޕީޕީއެމްއިން އިސްތިއުފާދީ، ލަޔާލް ސިޔާސީ މައިދާނުން ދުރަށް

ލަޔާލް މަނިކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗެނަލް 13ގެ ކުރީގެ ނޫސްވެރިޔާ އަދި ޕީޕީއެމްގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނަރަލްގެ އާމިނަތު ލަޔާލް މަނިކު ސިޔާސީ ދާއިރާއާ ދުރަށް ދާން ނިންމައިފިއެވެ.

ޕީޕީއެމްއަށް ލަޔާލް ފޮނުވި ސިޓީގައި ވަނީ ސިޔާސީ މައިދާނުން ދުރަށް ދާން ނިންމީ އާއިލާއަށް ވަގުތުދިނުމުގެ ގޮތުން ކަމަށެވެ. އަދި މިހާރުގެ ހާލަތު ހުރި ގޮތުން ސިޔާސީ ކަންކަމުގައި އުޅެވެން ނެތް ކަމަށް އެ ސިޓީގައިވެއެވެ.

ލަޔާލް ވިދާޅުވީ ސިޔާސީ ކަންތައްތައްތަކާ ދުރުވާންޖެހޭތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ލަޔާލް ވިދާޅުވީ 2023 ވަނަ އަހަރު ބާއްވާ އިންތިހާބް ޔާމީން ކާމިޔާބުކުރާތަން ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމަށެވެ.

ސިޔާސީ ދާއިރާއިން ވަކިވާކަން އިއުލާންކުރެއްވުމަށް ފަހު ލަޔާލް ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓްތައްވެސް ޑީއެކްޓިވޭޓް ކުރައްވައިފައެވެ.

ލަޔާލްއަކީ ރައީސް ޔާމީންގެ ދިފާއުގައި ވަރަށް ބޮޑަށް އަޑު އުފުއްލަވަމުން ދިޔަ ބޭފުޅެކެވެ. ދާދި ފަހުން ބޭއްވި މަޖިލިސް އިންތިހާބްގައި މަތިވެރި ދާއިރާގެ ޓިކެޓްވެސް ޕީޕީއެމްއިން ދިނެެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިންމައި ލަޔާލްގެ އަތުން އެ ޓިކެޓް އަތުލަައިފައެވެ.

comment ކޮމެންޓް