ފަތުރުވެރިކަން ތަޖުރިބާކުރަން އިނގިރޭސި ނޫސްވެރިން ރާއްޖޭގައި

ރާއްޖެ އައިސްގެންއުޅޭ އިނގިރޭސި މީޑިއާ ޓީމް -- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރު ރާވާ، ކުރިއަށްގެންދާ ޕްރޮމޯޝަނަލް ހަރަކާތުގެ ދަށުން އިނގިރޭސި ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ ޓީމެއް ރާއްޖެ އައިސްފައި މިވަނީ، ރާއްޖެ އިޝްތިހާރު ކުރުމަށް ފޭމް ޓްރިޕްތަކެއް ރާވާ ކުރިއަށް ގެންދަން އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ހަރަކާތުގެ ދަށުންނެވެ. މި ހަރަކާތުގެ ދަށުން މީގެ ކުރިން އިންޑިއާގެ ނޫސްވެރިންތަކެއް ވަނީ ރާއްޖެ އައިސްފައެވެ.

އިނގިރޭސި ނޫސްވެރިންގެ ޓީމުން 19 މެއި އިން 25 މެއި ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ. މި ޓީމުން ތިބޭނީ ވަކަރުފަޅި މޯލްޑިވްސް އާއި ލިޔެލާ ރީޓްރީޓް އަދި ސަންސިޔާމު އިރުފުށީގައެވެ. މި ޓީމުގެ މެންބަރުންނަށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކާލާ، ރާއްޖޭހގެ ސަގާފަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ދިވެހި ކެއުމުގެ ރަހަ ދައްކާލާނެއެވެ.،

އިނގިރޭސި މީޑިއާ ޓީމުގައި ހިމެނެނީ ފެބްލަސް މެގަޒިން އާއި ޓީއައި މީޑިއާ، ބެލާ މެގަޒިން، ހީޓް މެގަޒިން އަދި ދަ ހޭންޑް ބުކްގެ ނޫސްވެރިންނެވެ. ނޫސްވެރިންގެ ޓީމުގެ ތަޖުރިބާ އާއި ގުޅޭ ލިޔުންތައް މީޑިއާގައި ޝާއިއު ކުރާނެއެވެ.

އިނގިރޭސި މާކެޓަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖެއަށް ހަތަރު ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 36116 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ،މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.7 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މީޑިއާ ފޭމް ޓްރިޕްތަކުގެ ސަބަބުން ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

comment ކޮމެންޓް