މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ އަންހެނެއް ކަމަށެވެ.

ހުޅުމާލޭ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުގެރޭ 01:30 ހާއިރު ހިންގި މި އޮޕަރޭޝަނުގައި އެފުލެޓުގެ ވެރިފަރާތުގެ ހުއްދައާއިއެކު އެ ފުލެޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން މީހުންނަށްވެސް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންދާއިރު ދާދިފަހުން ފަޅުރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.

comment ކޮމެންޓް