ލަންކާގައި އުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް މަޝްވަރާކޮށްފި

ޝާހިދު ލަންކާގެ ފޮރިން މިނިސްޓަރާއެކު-- ފޮޓޯ: އަބްދުﷲ ޝާހިދު

މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު، އެގައުމުގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި އެގައުމަށް އެކި ކަންކަމުގައިދާ ދިވެހިންނަށް ދިމާވާ ކަންތަކާމެދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު ތިލަކް މަރަޕަނާ އާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ލަންކާގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވާފައި ވަނީ އެގައުމުގެ އަސްކަރިއްޔާގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލް އަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖެއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވީ ލަންކާ މަގުން އައިއެސް ޖަމާއަތާ ބައިވެރިވާން، ސީރިއާއަށް ދެ ވަނައަށް އެންމެ ގިނައިން ދަނީ ދިވެހިން ކަމަށެވެ. އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީ އިން އިއްޔެ ބުނީ ސެނަނަޔަކަ ދެއްކެވި ވާހަކަތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ކަންބޮޑުވުންތަކާއި، އަދި އެ ވާހަކަތަކުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ސްރީލަންކާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު، ލަންކާގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ މިއަދު ވަނީ ލަންކާގައި އުޅޭދިވެހިންގެ ސަލާމަތަށް ފިޔަވަޅުތައް އެޅުމަށް އެދިލައްވައިފައެވެ. ލަންކާގެ ހާލަތު އޮތްގޮތުން އެގައުމުގައި އުޅެދިވެހިންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ލަންކާގައި އުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

https://sun.mv/119346

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު އެގައުމުގައި އުޅޭ ދިވެހިންނަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ ދަނީ އިވެމުންނެވެ. އެގޮތުން ދިވެހިންގެ ތެރެއިން ބުރުގާ އަޅައިގެން ތިބޭ މީހުންގެ ބުރުގާ ބޭލުމަށް އާންމު ތަންތަނުގައި މަޖުބޫރު ކުރަމުންދާ ކަމަށާއި ދިވެހިން އުޅޭ ބައެއް ގޭގޭގައި ނޫޅެވޭނެކަމަށް އެގޭގޭގެ ވެރިން އަންގަމުންދާކަމުގެ ޝަކުވާތައް ދަނީ އިވެމުންނެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ބައެއް މީހުން އަނބުރާ ރާއްޖެ ބަދަލުވަމުންދާއިރުު، އެގައުމުގައި ކުރިއަށްގެންދިޔަ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ދިވެހިން އުޅޭ ގެޔަކުން އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެން ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުައްދަތު ވަނީ އަނެއްކާވެސް އިތުރުކޮށްފައެވެ.

comment ކޮމެންޓް