ހުޅުވާރުލުގައި ވަޅުލާފައި ހުރި ޑްރަގް ފެނުނީ ހައްޔަރު ކުރި މީހުން ދިން މައުލޫމާތުން

ގދ. ހުޅުވާރުލު ގައި ވަޅުލާފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން --- ފޮޓޯ/ ޕޮލިސް

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނީ އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ތަހުގީގަށް ދިން މައުލޫމާތުން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ހުލުވަރޮލުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅޭ ގޮތުން ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ އަހްމަދު ޝާކިރު ވިދާޅުވި ގޮތުގައި، ހުލުވާރޮލުން މަސްތުވާތަކެތި ފެނުނު އޮޕަރޭޝަން ފެށުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 150 މޭލު ބޭރުން މަސްތުވާތަކެއްޗާ އެކު ލޯންޗެއް ދަތުރު ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުުނު ހިސާބުންނެވެ. އެއާ އެކު ފުލުހުންގެ އުޅަނދުތަކެއް ކަނޑުގައި ހަރަކާތްތެރިވާން ފެށި ކަމަށް އޭނާ ކިޔައިދިނެވެ.

ހުލުވަރޮލުގެ މައްސަލައިގައި ފަސް މީހަކު ހައްޔަރު ކުރިއެވެ. އެ ފަސް މީހުންނަށް ތުހުމަތު ކުރެވެނީ ލޯންޗަކުން ހުލުވާރޮލަށް މަސްތުވާތަކެތި ގެނެސް، ޑިންގީއަކަށް އަރުވައިގެން ރަށަަށް ބާލައި ވަޅުލި ކަމުގެ ތުހުމަތެވެ. ނަމަވެސް، އެމީހުން ހައްޔަރު ކުރި އިރު ލޮންޗުންވެސް ޑިންގީއިންވެސް މަސްތުވާތަކެތި ފެނިފައި ނުވެއެވެ.

މިއަދު ފުލުހުން ވަނީ ހައްޔަރު ކުރި މީހުންގެ މައުލޫމާތުވެސް އާންމުކޮށްފައެވެ. އެ މީހުންނަކީ ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަމީދާއި، ގއ. ކޮނޑޭ، ރޮމޭންސް، ޝަފީޒް މުހައްމަދާއި، ގއ. ނިލަންދޫ، ދިހްޝާާންވިލާ، އަލީ ޝާކިރާއި، ގދ. ގައްދޫ، އެދުރުގެ، ޔާމީހް ހަމީދާއި، ގއ. ކޮނޑޭ، ގަހާކޯޅި، އަހުމަދު އަނީލް އެވެ.

ގދ. ހުލުވާރޮލު ގައި ވަޅުލާފައިވާ މަސްތުވާތަކެތި އުފުލި ލޯންޗާއި ޑިންގީ --- ފޮޓޯ/ ޕޮލިސް

ޝާކިރު ވިދާޅުވީ، އެ މީހުން މަސްތުވާތަކެތި ވަޅުލާފައި، އެ ތަކެތި ވަޅުލި ސަރަހައްދުގައި މީހުން އުޅުނު ކަމުގެ ނިޝާނެއް ނުފެންނަ ވަރު ކޮށްފައި ހުރި ކަމަށެވެ. އަދި އެންމެ ފުރަތަމަ ސުވާލު ކުރުމުން، އެ ތަކެތި ވަޅުލި ތަންވެސް ހާމަ ނުކޮށް ލަސް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު މަސްތުވާތަކެތި ވަޅުލާފައި ހުރި ސަރަހައްދުގައި އެއްވެސް މީހެއްގެ ހިލަމެއް ނުވާހެން ފޮރުވާލެވިފައި ހުރިކަން ވަރަށް ބޮޑަށް،"

"ވަރަށް ބޮޑަށް، މަސްތުވާތެކި ވަޅުލެވިފައި ހުރި ތަނެއް ހާމަނުކޮށް ޑިލޭ ކުރަމުން ދިޔަ. އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލު ކުރެވެނީ އެ ވަގުތުގެ ބޭނުން ކުރުމަށް ކަމަށް،" ޝާކިރު ވިދާޅުވިއެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މަސްތުވާތަކެތި ހުރިތަންތަން ހޯދުމުގައި ފަހުން އެ މީހުންގެ އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.

"އެ މީހުން ތަހުގީގަށް ދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެތި ވަޅުލާފައި ހުރިތަން އެނގުނީ،"

ގދ. ހުލުވަރޮލުން ފުލުހުން މަސްތުވާތަކެތި ކޮނެގެން ނަގަނީ -- ފޮޓޯ: ފުލުހުން

ހުލުވާރޮލުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެއެވެ.

ހުލުވަރޮލުން 149 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު ރާއްޖެއައި އިރާނުގެ މަސްބޯޓަކުން ވަނީ 50 ކިލޯގެ މަސްތުވާތަކެތި ފެނިފައެވެ. އެ ދެ މައްސަލައާ ގުޅުން އޮތް ކަމެއް އަދި ހޯދި ހޯދުންތަކުން އެނގިފައި ނުވާ ކަމަށް މިއަދު ފުލުހުން ބުންޏެވެ.

comment ކޮމެންޓް