ގޫގުލްއިން ވާވޭގެ އެންޑްރޮއިޑް ލައިސެންސް ކެންސަލްކޮށްފި

ގޫގުލްއިން ވަނީ ވާވޭގެ އެންޑްރޮއިޑް ލައިސެންސް ކެންސަލްކޮށްފަ --

ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ވާވޭއަށް ގޫގުލްއިން ދީފައި އޮތް އެންޑްރޮއިޑް ލައިސެންސް ކެންސަލްކޮށްފިއެވެ.

ގޫގުލްއިން އެފަދައިން ނިންމީ އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން އެގައުމުގެ "އެންޓިޓީ ލިސްޓުގައި" ވާވޭގެ ނަން ހިމެނި ފަހުންނެވެ. އޭގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ހުއްދައާ ނުލައި ވާވޭއިން އެމެރިކާ ކުންފުނިތަކުގެ ޓެކްނޮލޮޖީ ގަތުން މަނާ ވާނެއެވެ.

އަދި ގޫގުލްގެ އެ ނިންމުމާއެކު، އެންޑްރޮއިޑްގެ އާ ވާޝަން އަންނަ އަހަރު ނެރުމުން، ވާވޭގެ އުފެއްދުންތަކަށް އެ ވާޝަން ބޭނުން ނުކުރެވިދާނެއެވެ. ނަމަވެސް އެކުންފުންޏަށް އަދިވެސް އޯޕެން ސޯސް ލައިސެންސް މެދުވެރިކޮށް އެންޑްރޮއިޑް ބޭނުން ކުރެވިދާނެއެވެ. އަދި މިހާރު ބޭނުން ކުރާ އެންޑްރޮއިޑް ވާޝަން ހުންނަ ފޯނުތަކުގައި އަދިވެސް ގޫގުލްގެ އެޕްތައް އަޕްޑޭޓުކުރެވޭނެއެވެ.

ދުނިޔޭގެ ސްމާޓްފޯނު ބާޒާރުގައި ސެމްސަންގަށް ފަހު އެންމެ ކާމިޔާބު ކުންފުނި ކަމަށްވާ ވާވޭއަށް އެފިޔަވަޅުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ.

އެމެރިކާއިން ވަނީ ޗައިނާއިން ޖާސޫސުކުރަން ވާވޭގެ އުފެއްދުންތައް ބޭނުންކޮށްފާނެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މީގެ ކުރިން ވަނީ އެގައުމުގެ ސަރުކާރުގެ އިދާރާތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުންކުރުން މަނާކޮށްފައެވެ. ނަމަވެސް ވާވޭއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް