ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ރަސްމީކޮށް ފާހަގަކޮށްފި

ކޮލަންބޯ (މޭ 20) : ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ވެރިރަށް ރަސްމީ ގޮތެއްގައި ސްރީލަންކާގައި ފާހަގަކޮށްފި އެވެ.

މިކަން ފާހަގަކުރުމަށް ޓަކައި ވެރިރަށް ކޮލްމަބޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ވީމިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ފަދަ ހަމަލާތަކުން މުސްތަގްބަލްގައި ގައުމު ސަލާމަތް ކޮށްދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައެވެ. އެފަދަ ހަމަލާތަކުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމުގެ ގާބިލްކަން ކުރިޔަށް އޮތް ތަނުގައި ސަލާމަތީ ބާރުތަކާއި ޖާސޫސީ އިދާރާއިން ހޯދާނެކަމަށާއި ތަމަޅަ ޓައިގަރުން ބަލިކޮށްލުމަށް ސިފައިން ބޭނުންކުރި އުކުޅުތަކާއި ތަޖްރިބާ އާއި ޖާސޫސީ މައުލޫމާތު، ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޓެރަރިސްޓުން ބަލިކުރުމަށް ވެސް ބޭނުންކުރާނެ ކަމުގައެވެ.

ނަވާތަސަތަކޭ އަށްޑިހަ ތިން ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ސްރީލަންކާގައިފެށުނު ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނަސްފައި ވަނީ 2009 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހު އެވެ. ސައްބީސް އަހަރުގެ ދިގުލީ މިހަނގުރާމައިގާ ސްރީލަންކާގެ ސިފައިންނާއި ތަމަޅަ ހަނގުރާމަވެރިންނާ އަދި އާންމުން ހިމެނޭ ގޮތަށް އެއްލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު މީގެ ތެރޭގައި 40 ހާސް އާންމުން ހިމެނެ އެވެ. ސިފައިންގެ ތެރެއިން ވެސް ހަ ހާސް މީހުން މަރުވެފައިވެ އެވެ. މީގެ އިތުރުން 20 ހާސް މީހުން ވީނުވީ ނޭންގި ގެއްލި ތިން ލައްކައަށް ވުރެ ގިނަ މީހުން ޒަޚަމްވެ ބައެއް މީހުން ނުކުޅެދޭ ހާލަތަށް ގޮސްފައިވެ އެވެ. އަދި ގެދޮރުގެއްލި ރެފިއުޖީންނަށްވެފައިވާ މީހުންގެ އަދަދު ފަސްލައްކައަށްވުރެ ގިނައެވެ.

ސިރސޭނާ ވިދާޅުވީ ދާޚިލީ ހަނގުރާމައިން ލިބިގެންދިޔަ ހިތި ތަޖްރިބާތަކަށްފަހު މިހާރު މިވަނީ އެހެން ބިރަކާ ކުރިމަތިލާން ޖެހިފައި ކަމަށާ ނަމަވެސް މިދިޔަމަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅުން ހުރި ހުރިހާމީހުން ވަނީ ހައްޔަރުކޮށްފައި ނޫނީ ހަމަލާތަކުގައި މަރުވެފައި ކަމުން ޓެރަރިޒަމްގެ ނުރައްކާ މިވަގުތަށް ނެތްކަމުގައެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނަސް ތަމަޅަ ޓައިގަރުން ބަލިކޮށްލުމުގައި ސިފައިން ކާމިޔާބު ހޯދީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަ ގެ ވެރިކަމުގަ އެވެ. ހަނގުރާމަ ނިމުމަކަށް ގެނައީ ޓައިގަރުންގެ އިސް ކޮމާންޑަރު އަދި ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލައިގެންނެވެ. މިއީ ސްރީލަންކާ ސިފައިން ވަރަށް ދުރާލައި ރާވައިގެން ކުރިޔަށްގެން ދިޔަ އޮޕަރޭޝަނެކެވެ. ޕްރަބާކަރަން މަރާލުމުގެ ކުރިން ސްރީލަންކާ ސިފައިންވަނީ އެކަމުން ނުކުމެދާނެ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މީގެތެރޭގައި ޓައިގަރުންގެ ކޮންޓްރޯލްގެ ދަށުގައި ހުރި ހުރިހާ ސަރަހައްދުތަކެއް ސިފައިންގެ އަތްދަށަށް ދަށަށްގެނައުމާއި ޕްރަބާރަކަރަން މަރާލުން ކުރިމަތިވެދާނެ ކަންކަމާ ކުރިމަތިލުމަށް ޓަކައި މުޅި ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ހިމެނެއެވެ.

ހަނގުރާމަ ނިންމާލުމުގެ އެންމެފަހުގެ އޮޕަރޭޝަންގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް ތަމަޅަ އާންމުންގެ އެތަށް ހާސްބަޔަކު މަރާލި ކަމުގެ ތުހުމަތު ސްރީލަންކާ ސިފައިންގެ މައްޗަށް ކުރެވިފައިވެއެވެ. ނަމަވެސް ބަޔަކު މަރުވުމަށްވުރެ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެއަށްވުރެ މާގިނަ ބައެއްގެ ފުރާނަތައް މުސްތަގްބަލްގައި ސަލާމަތް ކުރެވިގެންދާނެ ކަމެއް ކަމަށް ރާޖަޕަކްސަގެ ސަރުކާރުން އެދުވަސްވަރު ބުނެފައިވެ އެވެ. ބޭރުގެ ފަރާތްތަކުން މިހާރު ވެސް ގެންދަނީ އެކަންކަން ބަލައި ތަހްގީގްކޮށް ސްރީލަންކާ ސިފައިންނަށް އަދަބު ދިނުމަށް ސްރީލަންކާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ރާޖަޕަކްސަގެ ސަރުކާރުން އެކަމަށް ބޯ ނުލެނބީ އެކަމުގެ ސަބަބުން ސިފައިން މާޔޫސްވެ ގައުމު އިތުރަށް ގަޑުބަޑުވެެގެންދާނެތީ އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ކޮންމެވެސް ވަރަކަށް ވަނީ އެކަމަށް އިޖާބަ ދީފައެވެ. އެއާއެކު ސިފައިންގެ ބައެއް މީހުންގެ މައްޗަށް ޝަރީއަތް ހިންގުމުން ސިފައިންނަށް މާޔޫސްކަން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދާޚިލީ ހަނގުރާމަ ނިމުމަށްފަހު ސްރީލަންކާއަށްވަނީ ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ބުރަ އަދި އުނދަނގޫ މަސައްކަތާ ކުރިމަތިލާންޖެހިފަ އެވެ. މިމަސައްކަތް ފެށީ ރާޖަޕަކްސަގެ ސަރުކާރުންނެވެ. އޭނާގެ ވެރިކަން ނިމުމަށް ފަހު މިމަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް ލަސްވެފައިވަނިކޮށް ދާދިފަހުން ކުރިމަތިވި ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ސްރީލަންކާގެ އިގްތިސާދުވަނީ އިނދަޖެހުމާ ގާތަށް ގޮސްފައެވެ. މީގެއިތުރުން ރައީސް ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލްއާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ޚިލާފްތަކަކީވެސް ސްރީލަންކާއަށް ކުރިމަތިވެފައިވާ މައްސަލައެކެވެ.

ދާޚިލީ ހަނގުރާމަފެށީ ތަމަޅަ ޓައިގަރުން އެގައުމުގެ އުތުރުގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމް ކުރުމަށްޓަކައެވެ. މި މުނާސަބަތަގުޅިގެން ސްރީލަންކާ ސިފައިންވަނީ ތަމަޅައިންގެ އަޣްލަބިއްޔަތު އޮންނަ ޖެފްނާ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ހަނގުރާމަ ނިމުނުތާ 10 އަހަރުވީއިރުވެސް ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލުނު މީހުންނަށް ގެދޮރު ބިނާކޮށްދެވިފައެއް ނުވެއެވެ. އަދި ހަނގުރާމައިގާ ޔަތީމް ވި މީހުންނާއި ހުވަފަތްވި މީހުންނާއި ބިކަވެގެންދިޔަ އާއިލާތަކަށް ބަދަލުދީ އެމީހުންގެ ހާލަތު ރަނގަނޅު ކުރެވިފައެއް ނުވެއެވެ. އަދި އެންމެ ބޮޑަށް ހަނގުރާމަ ހިނގި ސަރަހައްދުތަކުގައި އިންފްރާސްޓްރަކްޗާ ބިނާކޮށް އެތަންތަން އެކަށީގެންވާ ގޮތެއްގައި ތަރައްގީކޮށް ދެވިފައެއްވެސް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް