ފައިސާ ބެލެހެއްޓި ގޮތުން ޕީޕީއެމް 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީޕީއެމްގެ މައި އިދާރާ. -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ފައިސާގެ ކަންކަން ބަލަހައްޓާފައި ވާތީ، ޕީޕީއެމް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީއިން މިއަދު ބުނީ ޕީޕީއެމްއިން ފައިސާގެ މުއާމަލާތްތައް ކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައި ވަނީ އެ ޕާޓީއިން އީސީއަށް ހުށަހެޅި އޮޑިޓް ރިޕޯޓްގައި އެ ޕާޓީ އޮޑިޓްކުރި އޮޑިޓަރު ކަމަށެވެ.

އީސީއިން ފައިސާގެ މުއާމަލާތްތައް ބަލަހައްޓާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތާ ހިލާފަށް ކަމަށް ވާތީ އެ ޕާޓީ 20،000 ރުފިޔާއިން ޖޫރިމަނާ ކުރީ ކަމަށް އީސީއިން ބުންޏެވެ. އަދި އެ ޕާޓީގެ ފައިސާގެ ކަންކަން ބަލަހައްޓަން ހަމަޖައްސާފައިވާ ފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އީސީއިން ބުންޏެވެ.

މީގެ އިތުރުން، ޕީޕީއެމްއިން ހުށަހެޅި އަހަރީ ރިޕޯޓް ފުރިހަމަ ނުވާ ކަމަށް ބުނެ މިއަހަރުގެ ބަޖެޓުން އެ ޕާޓީއަށް ދޭން ކަނޑައެޅި ފައިސާ ދޫކުރަން އީސީއިން އަދި ފިނޭންސަށް ފޮނުވާފައެއް ނުވެ އެވެ. އަދި މިދިޔަ އަހަރު ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދީހުރި ފައިސާ އެ ޕާޓީއަށް ދޫކުރީ ވެސް މި މަހުގެ ތެރޭގަ އެވެ. އެ ފައިސާ ދޫކުރުން ލަސްކުރީ، އެ ޕާޓީގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ކޯޓްގައި މައްސަލަތަކެއް ހުރެ ކަމަށް ބުނެ އެވެ.

comment ކޮމެންޓް