އެގްޒިޓް ޕޯލްގެ ނަތީޖާ އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ގަބޫލެއް ނުުކުރި

އިންޑިއާގެ އާއްމު އިންތިހާބުގައި އިއްޔެ ވޯޓުލުމުގެ ތެރެއިން -- ފޮޓޯ: އޭޕީ

ދިއްލީ (މެއި 20): އިންޑިއާގެ އާއްމު އިންތިހާބުގެ އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ގަބޫލެއް ނުކުރެވޭނެ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

މިދިޔަ މަހުގެ 11އިން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށްގެންދިޔަ އިންޑިއާގެ އިންތިހާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ކުޑަ ތަފާތަކުން ނަމަވެސް، ޕާލިމެންޓުގެ އަޣުލަބިއްޔަތު ހޯދާނެ ކަމަށް ބެލެވެނީ ވެރިކަން ކުރާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިންނެވެ.

ނަމަވެސް ކޮންގްރެސް ޕާޓީގެ ލީޑަރެއް ކަމަށްވާ ޝަޝީ ތަރޫރު ވަނީ އެގްޒިޓް ޕޯލްތަކުގައި ގިނަ މީހުން ތެދު ހާމަ ކުރަން ފަސް ޖެހޭ ކަމަށާއި އެހެން ކަމުން އެޕޯލްތަކުގެ ނަތީޖާ ސައްހަ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެގްޒިޓް ޕޯލްތައް ރަނގަޅެއް ނޫން. މިދިޔަ ހަފްތާ ތެރޭގައި އޮސްޓްރޭލިއާގެ 56 ތަފާތު އެގްޒިޓް ޕޯލް ނުބައިވި. އިންޑިއާގައި އެގްޒިޓް ޕޯލް ނަގަނީ ސަރުކާރުން ކަމަށް ހީކޮށް ގިނަ މީހުން ތެދު ހާމައެއް ނުކުރޭ. 23ގަ އަސްލު ނަތީޖާ ލިބެންދެން [ކޮންގްރެސްއިން] މަޑު ކުރާނެ،" ތަރޫރު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތަ ބަނެރުޖީ ވެސް ވަނީ އެގްޒިޓް ޕޯލްތަކަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެޕޯލްތަކުގެ ސަބަބުން އިދިކޮޅު ޕާޓީތަކުން ހިތްވަރު އެލުވާލުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

އިންޑިއާގެ އެންޑީޓީވީން ރިޕޯޓު ކުރި ގޮތުގައި، ގިނަ އަދަދެއްގެ އެގްޒިޓް ޕޯލްތަކުގެ ޖުމްލަ ނަތީޖާއިން ދައްކާ ގޮތުގައި އެންޑީއޭއަށް ޕާލިމެންޓުގެ 543 ގޮނޑީގެ ތެރެއިން 300 އަށް ވުރެ ގިނަ ގޮނޑި ލިބޭނެ އެވެ. އެއާ އަޅާބަލާއިރު ކޮންގްރެސް އާއި އެޕާޓީއާ ގުޅިފައިވާ އެހެން ޕާޓީތަކަށް ލިބޭނީ 120 ގޮނޑި އެވެ.

އެންޑީއޭއަށް ޕާލިމެންޓުގެ އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް ދެއްކީ އެންމެ އެގްޒިޓް ޕޯލްއަކުންނެވެ. އޭގެ ނަތީޖާއިން ދެއްކި ގޮތުގައި އެންޑީއޭއަށް ލިބޭނީ 267 ގޮނޑި އެވެ. އަދި ޕާލިމެންޓުގެ އަޣުލަބިއްޔަތު ލިބޭނީ 272 ގޮނޑި ކާމިޔާބުވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް