އަދީބުގެ ދެ ބޮޑީގާޑުންނަށް އިއްވި ހުކުމްވެސް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒް -- ސަން ފައިލް ފޮޓޯ

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑުންނަށް އިއްވި 10 އަހަރުގެ ޖަލު ހުކުމްވެސް ބާތިލުކޮށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ހިންގުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި ހަސަން ރިކާޒްއަށް އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދީބުއަށް އިއްވާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އެ ތިން މީހުންގެ މައްސަލަ ކުރިއަށް ގެންދިޔައީ އެއްކޮށެވެ.

އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި ހަސަން ރިކާޒަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެ ތިން މީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި މިއަދު އޮތީ ވަކި ވަކިންނެވެ.

އެންމެ ފުރަތަމަ ހުކުމް އިއްވީ އަދީބުގެ މައްސަލައިގަ އެވެ. އެ ހުކުމުގައި ބުނެފައި ވަނީ ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނު އަސާސީއާ ހިލާފަށް ހިންގާފައިވާ ޝަރީއަތްތަކެއްކަން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ފަސް ވަނަ ނަމްބަރުގެ ބާތިލު ނުކޮށް އޮތް ބައިން އެނގެން އޮންނަ ކަމަށެވެ. އަދީބުގެ މައްސަލަވެސް އެ ސިޔާސީ މައްސަލަތަކުގެ ތެރޭގައި ހިމެނޭތީ، އެ މައްސަލަ އަލުން ބެލުމުގެ އިހްތިމާލު އޮތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަދީބުގެ މައްސަލަ އެގޮތަށް ނިންމާފައި އޮތް އިރު، އާމިރާއި ރިކާޒުގެ މައްސަލަވެސް ކުރިއަށް ގެންގޮސްފައި ވަނީ އަދީބާއި އެކުއެކީގައި ކަމަށްވާތީ، އެ ދެ މީހުންގެ ޝަރީއަތް ހިންގުމުގައިވެސް މައްސަލަ ހުރި ކަމަށް ބުރަވެވޭ ކަމަށް ހައިކޯޓުން އެ ދެމީހުންގެ މައްސަލައިގައި ވަކި ވަކިން އިއްވި ހުކުމްތަކުގައި ވެއެވެ. އެހެންކަމުން އެ ކޯޓުން ނިންމީ، ކްރިމިނަލް ކޯޓުން މީގެ ކުރިން ކުރި ހުކުމުގެ އެ ދެމީހުންނާ ގުޅޭ ބައި ބާތިލުކޮށް، އެ މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށް ގެންދިޔުމަށެވެ.

ހައިކޯޓުން ނިންމާފައި ވަނީ އާމިރާއި ރިކާޒު 15 ދުވަހު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށާއި އެ 15 ދުވަހުގެ ތެރޭގައި ބަންދާމެދު އިތުރަށް ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓުގައި ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްއަށް ފުރުސަތެއް ދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެކަމުގައި ތަފާތެވެ. ފަނޑިޔާރު ނިޔާޒު ރައުޔަކީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން ވެސް އެ ދެމީހުން ތިބެން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމެވެ. ނަމަވެސް 15 ދުވަހަށް ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ނިންމީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދު އެގޮތަށް ބުރަވުމުން އެ ދެ ބޭފުޅުންގެ އަގުލަބިއްޔަތުންނެވެ.

comment ކޮމެންޓް