މޯދީ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބަޔޮޕިކްގެ އާ ޕޯސްޓަރެއް ދައްކާލައިފި

ފިލްމުގެ އާ ޕޯސްޓަރެއް---

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ޕީއެމް ނަރެންދުރަ މޯދީ'ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކުރާ އެ ފިލްމުގެ ޕޯސްޓަރު ދައްކާލީ މިއަދު އެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑް އެކްޓަރު ވިވެކް އޮބެރޯއީ އެވެ.

އިންޑިއާގެ ގުޖުރާތުގައި ފިލްމުގެ ޝޫޓިން ފަށައިފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.

ފިލްމު މިދިޔަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ޕްރިމިއާކުރަން ނިންމި ނަމަވެސް އެ ފިލްމު އަޅުވާ ތާރީހަށް ވަނީ ބަދަލެއް ގެނެއްސަ އެވެ. މިހާރު ފިލްމު އަޅުވާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ގުޖުރާތުގެ އިތުރުން މުމްބާއީ އަދި އުއްތަރަކަންޑްގައި ވެސް ފިލްމުގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ.

ފިލްމުގައި ފެނިގެން ދާނީ މޯދީގެ ޒުވާން ދުވަސްވަރާއި، ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބުނު ގޮތާއި، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް މޯދީ ކުރި ދަތުރެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސަންދީޕް ސިންގ ބުނީ މޯދީގެ ވާހަކައަކީ އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭ، އިބުރަތުން ފުރިގެންވާ ވާހަކައެއް ކަމަށެވެ.

ފިލްމުގައި ވިވެކްގެ އިތުރުން ދެން ފެނިގެން ދާނީ ދަރްޝަން ކުމާރު، ބޯމަން އިރާނީ، މަނޯޖް ޖޯޝީ، ޕްރަޝާންތު ނާރާޔަނަން، ޒަރީނާ ވައްހާބު އަދި ބަރްކާ ބިޝްތު ސެންގުޕްތާ އެވެ.

comment ކޮމެންޓް