މަޖިލިސް ރައީސްގެ ރޭސް، ދެ ރައީސުންގެ ރޭހަކަށް؟!

މަޖިލީހުގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރެއްވި ފަރާތްތައް ----

އިވޭ އަޑުތަކާއި ފެންނަ މަންޒަރަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ މެދުގައި ވާދަވެރިކަން ނުހަނު ބޮޑެވެ. މި ވާދަވެރިކަމެއް ބޮޑުވެގެން މި އުޅެނީ، އަސްލަމްއަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވާކަން ފާޅުގައި ހާމަކުރައްވާފައި ވަނިކޮށް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އަފީފަށް ތާއީދު ކުރައްވާ ކަމުގެ އަޑުތަކެއް ގަދަވުމުން އެވެ.

ކޮންމެއަކަސް މަޖިލިސް ރައީސުން ހޮވަން މަޖިލިސް ތެރޭގައި ނަގާ ވޯޓު މިވީ މަޖިލީހުގެ ވާދަވެރިކަމުގެ އިތުރުން ރައީސް ސޯލިހު އަދި ރައީސް ނަޝީދުގެ މެދުގައި ވެސް ވާދަވެރި ވޯޓަކަށެވެ. މި ވާދަވެރިކަން އޮތް ކަމަށް ދެކޮޅުން ކުރެ އެއްވެސް ކޮޅަކުން ގަބޫލު ކުރަން ބޭނުމެއް ނުވެ އެވެ. އަސްލަމް ވިދާޅުވަނީ ރައީސް ސޯލިހު ވެސް އަދި ނަޝީދުގެ ތާއީދު ވެސް އޮތީ އޭނާއަށް ކަމަށެވެ. އެހެން ނަމަވެސް، އަފީފް ވިދާޅުވަނީ ރައީސް ސޯލިހު ވެސް އަދި ނަޝީދު ވެސް އެއްވެސް ބޭފުޅެއްގެ ފަޅިއަށް އަރާވަޑައިގެން ވަކި ކޮޅެއް ނުނަންގަވާނެ ކަމަށެވެ.

މި އަރައިރުންގަނޑެއް ހިނގަމުން ދާއިރު، މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 19 ވަނަ މަޖިލިސް ފެށުމުން މި ހުރިހާ ޝައްކު ޔަގީނަށް ބަދަލުވާނެ އެވެ. އެ ޖަލްސާގައި މެންބަރުން ހުވާކުރެއްވުމަށް ފަހު، ފުރަތަމަ މަސައްކަތަކީ ސިއްރު ވޯޓަކުން މަޖިލިސް ރައީސް ކަނޑައެޅުން ކަމަށްވާ އިރު، އެ ވޯޓަށް ދިޔުމުގެ ކުރިން އެމްޑީޕީ އިން ނޮމިނޭޓް ކުރާނެ ނަމެއް ފައިނަލްކޮށް މޭޒުގައި އޮންނާނެ ކަމަށް ބެލެވެ އެވެ. އެކަން ކަނޑައެޅުމުގައި ވެސް ހިޔާލުތައް އަދި ހުރީ ދެކަފި ކޮށެވެ. އެއްބައި މެންބަރުން ބޭނުން ވަނީ ހުޅުވާލައިގެން އަތް މައްޗަށް ނަގައިގެން ވޯޓަށް އަހާށެވެ. އަނެއް ބައި މެންބަރުން ތާއީދު އޮތީ ސިއްރު ވޯޓަކުން ކަން ނިންމާށެވެ.

ދެކޮޅުން ވެސް ބުނަނީ، ކާމިޔާބު ކަމަށް

މަޖިލިސް ރައީސް ކަމަށް ގެންނަން ރައީސް ސޯލިހު ތާއީދު ކުރައްވަނީ އަފީފްއަށް ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވާ އަޑުތައް މިދިޔަ ދެ ދުވަހަކު ގަދަވި ނަމަވެސް، އެކަމާ ގުޅިގެން ރައީސް ސޯލިހު އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއްނުވެ އެވެ. އެކަން ތެދު ނުކުރައްވާތާ، ދޮގެއް ވެސް ނުކުރައްވަ އެވެ.

އިންތިހާބީ މެންބަރު އަފީފް 'ސަން'އަށް، ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި ކިތަންމެ ވާދަވެރިކަން ބޮޑަސް އެމްޑީޕީއަކީ އެކަމެއް ނިމުމުން މެޖޯރިޓީ އިން ނިންމާ ގޮތަކަށް ބޯލަބާނެ ޕާޓީއެކެވެ. އެހެން ވީމާ، މިފަހަރު ވެސް ކަން ހިނގާނީ އެމަގުން ކަމަށް އަފީފް ލަފާކުރައްވަ އެވެ. އެހެން ނަމަވެސް، ވަކި ބޭފުޅެއްގެ ތާއީދު އޭނާއަށް އޮތް ކަމަށް ވިދާޅުވުމަށް އަފީފު ބޭނުންފުޅެއް ނުވެ އެވެ. ވިދާޅުވީ، އެކަމާ އެއްޗެއް ވިދާޅުނުވާނެ ކަމަށެވެ.

"ރައީސް ނަޝީދު ވެސް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ ޕާޓީގެ ތެރެއިން އެ އޮންނަ ގަވާއިދުގެ ތެރެއިން އަންނަ ބޭފުޅަކަށް ތާއީދު ކުރައްވާނީ. ޕާޓީގެ ގަވާއިދުގައި އެބައޮތް މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަންކުރާ ޕްރޮސީޖާއެއް. ޕްރޮސީޖާގެ ތެރެއިން ވަޑައިގަންނަވާ ބޭފުޅަކަށް އެބޭފުޅަކު ތާއީދު ކުރައްވާނެ،" އަފީފް ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. އަފީފް އެހެން ވިދާޅުވި ނަމަވެސް ނަޝީދުގެ ތާއީދު ދީފައި ވަނީ އަސްލަމަށް ކަން އެމަނިކުފާނު ވަނީ ސާފު ބަހުން ވިދާޅުވެފަ އެވެ. އަދި ނަޝީދަށް ތާއީދު ދޭ ބޭފުޅުން އެކަން ގެންދަވަނީ ފާޅުގައި ހާމަކުރައްވަމުން އެވެ.

މަޖިލިސް ރައީސް ކަމަށް އެމްޑީޕީން ތާއީދު ކުރާ މީހަކު ކަނޑައަޅަން ވޯޓު ނަގަނީ ކޮން ދުވަހަކު ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަން އަދި ސާފުވާން ވަގުތު ނަގާނެ އެވެ.

އެމްޑީޕީއަކީ ވަރަށް ޑިމޮކްރެޓިކްކޮށް އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާ ޕާޓީއެއްކަން ފާހަގަކޮށް އަފީފް ވިދާޅުވީ ބަލިވީމާ ބަލި ގަބޫލުކޮށް މޮޅުވާ މީހާގެ ފަހަތަށް އަރާނެ ކަމަށެވެ. އެ އުސޫލުން އޭނާ ވެސް ހުންނެވީ ގޮތްދޫކުރައްވާ ގޮތަށެވެ. ކޮންމެ މީހަކު މޮޅުވިޔަސް، އަދި ވެސް އެމްޑީޕީގައި ކަންކަން ކުރިއަށް ދާނީ ހަމަ އެ އުސޫލުގެ މަތީން ކަމަށް އަފީފް ޔަގީން ކުރައްވަ އެވެ. މަޖިލިސް ރައީސް ކަމަށް ކުރިމަތިލައްވައި ކާމިޔާބު ވާނެ ކަމުގެ ބޮޑު އުންމީދު އަފީފް ވެސް އާ ކުރައްވަ އެވެ.

އަސްލަމް މާ ބޮޑު ޔަގީންކަމެއްގައި

"ސަން"އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު ފަރާތަކީ އޭނާ ކަމަށާއި އެހެންކަމުން ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު އޭނާއަށް އޮންނާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ތާއީދު ނެތް ކަމަށް ބުނެ ފަތުރާ ވާހަކަތަކުގައި ހަގީގަތް އޮތް ކަމަށް ގަބޫލު ކުރައްވަން އޭނާ ބޭނުންފުޅެއް ނުވެ އެވެ. އަސްލަމްގެ ފޮތުގައި ރައީސް ސޯލިހުގެ ތާއީދު އޮތް ކަމަށް އޭނާ ހުންނެވީ ޖައްސަވައިގެން އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އެއްވެސް ބޭފުޅެއް ކައިރީގައި ރައީސެއް ވިދާޅެއް ނުވާނެ އެހެން. އަޅުގަނޑަށް ވަރަށް ހަމަ ޔަގީން އަޅުގަނޑު ނޫން އެހެން މީހަކަށް ރައީސް ތާއީދެއް ނުކުރާނެ ކަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވި އެވެ.

ވަކި ކޮޅަކަށް ބުރަ ނުވެ އިންސާފުވެރި ކަމާ އެކު ވޯޓު ދެއްވާ ނަމަ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވާނީ އޭނާއަށް ކަމަށް އަސްލަމް ޔަގީން ކުރައްވަ އެވެ. ތާއީދު ހޯއްދެވުމުގެ ބޭނުމުގައި އެއްވެސް ކަމެއް މެންބަރަކަށް ކޮށް ނުދެއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައީސް އަރުއްވާ ކޮޅަކީ ބޮޑު ފަޅި

މަޖިލިސް ރައީސްގެ ރޭހުގައި އަފީފާއި އަސްލަމްގެ ދެމެދު ވަރަށް ވެސް ވާދަވެރި އިރު، އެ ވޯޓް އެނބުރިދާނެ ކޮޅެއް ލަފާކޮށްލަން އެހާ ފަސާހައެއް ނޫނެވެ. ސަބަބަކަށް ވަނީ، ރައީސް ސޯލިހުގެ ސްޓޭންޑް މުޅިން ސާފު ނުވާތީ އެވެ. އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރަކު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު އަރާ ފަޅިއަކީ ބޮޑު ފަޅިއަށް ވާނެ އެވެ. ސަބަބަކަށް ވަނީ، މަޖިލީހުގައި ތިއްބެވި މެންބަރުން ދާއިރާތަކަށް މަޝްރޫއުތައް ގެންދިޔުމާ އެފަދަ ކަންކަމުގައި ރައީސްގެ އެހީތެރިކަން ބޭނުން ވާތީ އެވެ.

"ނަޝީދަށް ވުރެ މެންބަރުންނަށް ރައީސް މުހިންމު ވާނެ ނޫންތޯ؟ މީގައި މައްސަލައަކީ ނަޝީދުގެ މާކުރިން ވަކިކޮޅެއް ނެންގެވީމާ،" އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ރޯދަ މަހާ އެކު ސިޔާސީ މައިދާނުގެ ފޯރި ކެނޑިފައި ވަނިކޮށް އަނެއްކާ ވެސް މި ފެށެނީ ނިކަން ފޯރި ގަދަ މޫސުމެކެވެ. އަފީފް އާއި އަސްލަމް ނޫނަސް އެމްޑީޕީ އިން އެކަނި މަޖިލީހުގެ ރައީސް ކަމަށް ފަސް ބޭފުޅަކު ވާދަކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވަ އެވެ. އެކަމަކު އަފީފް އާއި އަސްލަމްގެ އަޑު ފިޔަވާ އެހެން ބޭފުޅެއްގެ އަޑެއް ނީވެ އެވެ. ޔަގީންވާ ކަމަކީ، މަޖިލީހުގެ ރައީސް ކަމުގެ މައްސަލައިގައި ހިޔާލުތައް ދެކަފިވެފައިވާ ކަމެވެ. އަޑުތައް ހުރި ގޮތުން މަޖިލިސް ރައީސްގެ ރޭހުގައި ދެ ރައީސްގެ ވާދަވެރިކަމެއް އައުމުގެ ފުރުސަތު އޮތީ އެވެ. ސަބަބަކަށް ވަނީ، މަޖިލީހުގެ ރައީސް ކަމަށް ވަކި ބޭފުޅަކު ނެންގެވުމަށް ނަޝީދު މާކުރިން މަސައްކަތް ފެއްޓެވުމެވެ. ސުވާލަކީ ރައީސް ސޯލިހު އެގޮތަށް ރުހޭނޭ ހެއްޔެވެ؟ އާންމުކޮށް ސިޔާސީ މިކަހަލަ އަރައިރުންތަކުގައި މަޑުން ހުންނަވާހެން ރައީސް ސޯލިހު މިފަހަރު ވެސް މި އިހުތިޔާރު ކުރައްވަނީ ހަނު ހުންނެވުމެވެ.

comment ކޮމެންޓް