ހަނގުރާމައެއް ފެށިއްޖެ ނަމަ އީރާން ނެތިގެންދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމައެއް ފެށިއްޖެ ނަމަ އީރާން ނެތިގެން ދާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މެއި 20): އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ އީރާން ނެތިގެންދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އިއްޔެ ޓުވިޓާ މެދުވެރިކޮށް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވީ، އެގައުމާއެކު މަޝްވަރާތައް ބާއްވަން އެމެރިކާއިން ތައްޔާރަށް އޮތް ކަމަށާއި ހަނގުރާމައެއް ފަށަން ބޭނުން ނުވާ ކަމަށް މިދިޔަ ހަފްތާ ތެރޭ ދެ ގައުމުންވެސް ބުނި ފަހުންނެވެ.

"އީރާނުން ހަނގުރާމައެއް ފަށަން ބޭނުން ނަމަ އެވާނީ އެގައުމުގެ ނިމުމަށް. އެމެރިކާއަށް ދެން ދުވަހަކުވެސް އިންޒާރު ނުދޭތި،" ޓްރަމްޕްގެ ޓުވީޓުގައިވެ އެވެ.

އެމެރިކާއިން އެފަދައިން ބުނީ މިދިޔަ ހަފްތާ ތެރޭ ސައުދީ އަރަބިއާގެ ތެޔޮހޮޅިތަކަށް ޔަމަނުގެ ހޫޘީން ހަމަލާ ދިން ފަހުންނެވެ. ސައުދީން ބުނާ ގޮތުގައި އެހަމަލާ ދިނީ އީރާނުގެ އަމުރަށެވެ. އަދި އެމެރިކާގެ އިންވެސްޓިގޭޓަރުން ބުނާ ގޮތުގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ޔޫއޭއީ ކައިރިން ހަތަރު ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނީ އީރާނުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެފަރާތްތަކުން ދައްކާފައި ނުވެ އެވެ.

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އެގައުމާ އެކު ހެދި އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން ދެގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

އަދި ދާދި ފަހުން އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކަށް އަމަލު ނުކުރަން ނިންމައި، ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުން ކުރާ ޔުރެނިއަމް ފައްކާ ކުރާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާއިން މިހާރު ވަނީ ގަލްފަށް ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ އަބްރަހަމް ލިންކޮން އާއި މިސައިލް ޑިފެންސް ސިސްޓަމެއް ފޮނުވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް