މާފުށީ ޖަލަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރު ކޮށްފި

މާފުށީ ޖަލު: އެ ތަނަށް މަސަތުވާތަކެތި ވައްދަން އުޅުނު އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި --ސަންފައިލް ފޮޓޯ

ކ. މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި އަންހެނަކު، ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރީ އާއިލީ ބައްދަލުވުގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން މާފުށީ ޖަލު ސަރަޙައްދުން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މާފުށީ ޖަލުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރީ ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އެ ތަނަށް މަސްތުވާތަކެތި އެތެރެކުރަން މަސަތްކަތް ކުރާ ބައެއް މީހުން ފުލުހުން ވަނީ މީގެ ކުރިން ވެސް އަތުލައިގަނެފަ އެވެ.

comment ކޮމެންޓް