ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 15: ސާއްރާއާއި ހާޖަރު 1

ގާޒީ ޞަފިއްޔުއްދީން އަމިއްލަ ގެކޮޅުގައި ބައެއް ތަހުލީލު ހެއްދެވުމަށް ގާއިމު ކުރައްވައިފައިވާ ލެބޯޓަރީގައި ގާޒީއާއި ފުލުހުންގެ ވެރިޔާ މުފްތާޙު ތިއްބެވީ މަރުވެފައިވާ ޔާގޫތުގެ މަރާ ބެހޭ ގޮތުން ތަހުލީލީ ހެތްކެއް ފެނޭތޯ މަސައްކަތް ކުރެއްވުމުގައެވެ.

"ނަތީޖާއަކާ ހަމަޔަށް ވާސިލު ވެވިއްޖެ ތޯ؟" މުފްތާޙު ވިދާޅުވިއެވެ.

"އިންތިޒާރު ކުރައްވާ! ފުލުހުންގެ ވެރިޔާ." ގާޒީ ވިދާޅުވިއެވެ.

"މަރުވެފައިވާ ޔާގޫތުގެ އަނގައިން ވެއްޓުނު ދަތެއް އެއީ. ވަރަށް ފަރުވާތެރިކަމާއި ރައްކާތެރިކަމާ އެކު އެ ދަތް މަނިކުފާނާ ހަމަޔަށް މި ގެނައީ." މުފްތާޙު ވިދާޅުވިއެވެ.

"މިހާރު ދެން ނަތީޖާއަކާ ހަމަޔަށް މި ދެވެނީ. މިހާރު އެ ކަން ވަރަށް ސާފު." ގާޒީ ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް ސާފުކޮށް ކިޔައި ދެއްވުން." މުފްތާޙު ވިދާޅުވިއެވެ.

"އެ ދަތުގައި އެބަ ހުރި މާމުއިގެ އަސަރު. އަދި ވިހައެއްގެ އަސަރު." ގާޒީ ވިދާޅުވިއެވެ.

"އެހެންވީމާ ތަހުގީގުގައި ދެން ކުރިޔަށް ދާން ވީ ގޮތް އެބަ ސާފު ވޭ." މުފްތާޙު ވިދާޅުވިއެވެ.

"މި ވަގުތު މުހިއްމީ މި ލިބުނު ހެކީގެ އަލީގައި އަވަހަށް ގާތިލާ ހަމަޔަށް ވާސިލު ވުން." ގާޒީ ވިދާޅުވިއެވެ.

"އާދެ. އެކަމަކު ތިޔަ އިޝާރާތް ކުރައްވަނީ ކޮން ދިމާއަކަށް ކަން އަޅުގަނޑަކަށް ނުވިސްނުނު." މުފްތާޙު ވިދާޅުވިއެވެ.

"އަޅުގަނޑު ތިބާއަށް ހުރިހާ ކަމެއް ސާފުކޮށް ކިޔައި ދޭނަން. އަޅުގަނޑު ކިޔައި ދޭ ގޮތަށް އަކުރުން އަކުރަށް ކުރިޔަށް ގެންގޮސްފި ނަމަ ގާތިލު ހޯދައި ސާބިތު ކުރުމަކީ އުނދަގޫ ކަމެއް ނޫން." ގާޒީ ވިދާޅުވިއެވެ.

"މަނިކުފާނު ވިދާޅުވި ގޮތެއް އިއްޒަތްތެރި ގާޒީ." މުފްތާޙު ވިދާޅުވިއެވެ. *****

"ތިޔައީ ހަގީގަތުގައި ވެސް ވިހައިގެ ތެރެއިން ވަރަށް ނާދިރު ވައްތަރެއް. ވަރަށް ވިހަކަން ގަދަ ވިހައެއް ތިޔައީ." ޟިޔާ ބުންޏެވެ.

"މި ވައްތަރުގެ ވިހަ ތިބާ އަތުން ގަތީ ކާކުކަން ހަނދާން އެބަހުރި ތޯ؟ މުފްތާޙު ސުވާލު ކުރެއްވިއެވެ.

"ތިޔަ ފަދަ ބާވަތްތައް ގަންނަ މީހުންގެ ނަމާއި އެތަކެތި ގަތް ދުވަސް އެނގޭނޭ ގޮތަށް އަޅުގަނޑު މި އަންނަނީ ފޮތެއްގައި ދަފްތަރު ކުރަމުން." ޝިޔާ ބުންޏެވެ.

"ހމމ. ތިޔައީ ވަރަށް ރަނގަޅު ނިޒާމެއް." މުފްތާޙު ވިދާޅުވިއެވެ.

"ހމމ. މުޅި މި އަހަރުގެ ތެރޭގައި ވެސް އަހަރެން ތި ވިއްކައިފައި ވަނީ އެންމެ ތިން މީހުންނަށް." ޟިޔާ ބުންޏެވެ.

"އެއީ ކޮން ބައެއް؟" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"ފުރަތަމަ މީހާއަކީ މަޣުރިބު ކަރައިގެ ވިޔަފާރިވެރިއެއް. އޭނާއަށް ކިޔަނީ ސަޢުދޫން." ޟިޔާ ބުންޏެވެ.

"ދެވަނަ މީހަކީ ޔޯ؟" މުފްތާޙު ސުވާލު ކުރެއްވިއެވެ.

"ދެވަނަ މީހަކީ ޔަމަނުގައި ދަނޑު ހައްދާ މީހެއް. އޭނާގެ ނަމަކީ ސަމްޢާނު. އޭނާ ބުނި ގޮތުގައި އޭނާގެ ދަނޑުތަކަށް ބައެއް ކަހަލަ ޖަންވާރު ވަދެ ޙަމަލާ ދެނީ." ޟިޔާ ބުންޏެވެ.

"ތިންވަނަ މީހަކީ ކާކު ތޯ؟

"ތިންވަނަ މީހާއަކީ ފިރިހެނެއް ނޫން. އެއީ އަންހެނެއް. އޭނާއަށް ކިޔަނީ ސުންދުސް. އެއީ ޝިހާބުގެ އަނބިމީހާ." ޟިޔާ ބުންޏެވެ.

"ނޫން. ޝިހާބުގެ އަނބިމީހާއަށް ކިޔަނީ ޒުމުއްރުދާ!" މުފްތާޙު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ އޭނާ އުޅެނީ ދެ މީހުންނާ ކައިވެނިކޮށްގެން ހެން." ޟިޔާ ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް