ދެ ރައީސުންވެސް ވަކި މީހަކަށް ހާއްސަކަމެއް ދެއްވާނެ ކަމަށް ގަބޫލެއް ނުކުރަން: އަފީފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ވަކި ބޭފުޅަކަށް އިސްކަން ދެއްވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާއަށް އިންތިހާބުވެފައިވާ ހަސަން އަފީފު ވިދާޅުވެއްޖެއެވެ. ހަސަން އަފީފަކީ 19 ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެކެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަފީފު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާކަން "ސަން"އަށް ވަނީ އެނގިފައެވެ. އަދި ކުރީގެ ރައީސް ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކަމަށް ވާހަކަ ދެކެވޭ އިރު، ނަޝީދު ވަނީ އަސްލަމްއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހާއި ނަޝީދު، މަޖިލީހުގެ ރައީސްކަމަށް ތާއީދުކުރައްވަނީ ތަފާތު ދެ ބޭފުޅަކަށް ކަމަށް ވާހަކަ ދެކެވުމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

މިރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އަފީފް ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް ނަޝީދު ތާއީދު ކުރައްވާނީ ޕާޓީގެ ތެރޭގައި އޮންނަ ޕްރޮސީޖާއަކުން މަޖިލީހުގެ ރައީސްކަމަށް ގެންނަން ނިންމާ ބޭފުޅަކަށް ކަމަށެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށްވެސް ވާނީ އެމްޑީޕީ މެމްބަރެއް: ނަޝީދު

"ރައީސް ނަޝީދުވެސް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ ޕާޓީގެ ތެރެއިން އެ އޮންނަ ގަވާއިދުގެ ތެރެއިން އަންނަ ބޭފުޅަކަށް ތާއީދު ކުރައްވާނީ. ޕާޓީގެ ގަވާއިދުގައި އެބައޮތް މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކުރާ ޕްރޮސީޖާއެއް. ޕްރޮސީޖާގެ ތެރެއިން ވަޑައިގަންނަވާ ބޭފުޅަކަށް އެބޭފުޅަކު ތާއީދު ކުރައްވާނެ،" އަފީފް ވިދާޅުވިއެވެ.

އެމްޑީޕީއިން ވަކި މެމްބަރަކު މަޖިލީހުގެ ރައީސްކަމަށް ނެރުމުގެ ކުރިން ދެ ރައީސުން އެ މަގާމަށް ވަކި ބޭފުޅަކު ގެންނަން އިސްކަން ނުދެއްވާނެ ކަމަށް ދޭހަވާ މޭރުމަކުން އަފީފް ވާހަކަފުޅު ދެއްކެވިއެވެ.

"އެމްޑީޕީގެ ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅުންގެ ކުރިމަތީގައި އެއްވަރެއްގެ ބޭފުޅުން. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު ވަކި ބޭފުޅަކަށް ހާއްސަ ކަމެއް ދެއްވާނެ ކަމަށް،"

މަޖިލިސް ރައީސްގެ ރޭހުގައި ރައީސް ސޯލިހުގެ ތާއީދު އަފީފްއަށް

"އަޅުގަނޑުމެންނަކީ އެއް ބައެއް. އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު އެއް މަގާމަކަށް ގިނަ ބޭފުޅުން ކުރިމަތިލައްވައިގެން އުޅުއްވި ކަމަށް ވިޔަސް، ސިޔާސީ ވާދެވެރިކަން އޮންނާނެ. އެ ވާދަވެރިކަމަކީ އެއީ އަޅުގަނޑުމެން އޭގެ ބޭރަށް ގެންދަން ޖެހޭ ކަމެއްވެސް ނޫން. އަޅުގަނޑުމެންގެ ތެރޭގައި އެގޮތަށް މަސައްކަތް ކުރައްވާނެ ބޭފުޅަކުވެސް ނޫޅުއްވާނެ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، އެމްޑީޕީއަކީ ޕާޓީގެ އެތެރޭގެ ޕްރައިމަރީތައް ބާއްވަައިގެން ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީއިން މަޖިލީހުގެ ރައިސް ކަމަށް ނެރޭ މީހެއްގެ ފަހަތުގައި ޕާޓީގެ ހުރިހާ މެމްބަރުން ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ތެރޭގައި ދެބަސްވުން އުފެދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭނާގެ [ޕާޓީގެ ތެރެއިން ހޮވާ މީހެއްގެ] ފަހަތުގައި ތިބެން ޖެހޭނެ. އެއަށް އަޅުގަނޑުމެން އިހުތިރާމް ކުރަންވާނެ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިގެން ނުވާނެ އަޅުގަނޑުމެންގެ ތެރޭގައި ރުޅިވެރިކަމެއް އޮވެގެން ނުވާނެ، އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވުމެއް އޮވެގެން ނުވާނެ. އެކަމެއް ނުހިނގާނެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި،"

މަޖިލީހުގެ ރައީސްކަމަށް އަފީފާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

comment ކޮމެންޓް