ސެނަނަޔަކަ ދެއްކެވި ވާހަކަތައް ސާފުކޮށްދީ ބަޔާނެއް ނެރެން ދިވެހި ސަރުކާރުން އެދިއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ

ސްރީލަންކާގެ މަގުން އައިއެސް ޖަމާއަތާ ބައިވެރިވާން، ސީރިއާއަށް ދެ ވަނައަށް އެންމެ ގިނައިން ދަނީ ދިވެހިން ކަމަށް ވިދާޅުވެ ޓީވީ ޗެނަލެއްގައި ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ސާފުކޮށްދީ ބަޔާނެއް ނެރުމަށް ދިވެހި ސަރުކާރުން ލަންކާ ސަރުކާރުގައި އެދެފިއެވެ.

ސެނަނަޔަކަ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރާއްޖެއިން ސީރިއާއަށް ދާ މީހުން، މަންޒިލަށް ދިއުމުގެ ކުރިން ލަންކާގައި މަޑު ކުރާކަން ފާހަގަ ކުރެއްވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދިވެހި ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ޓެރަރިސްޓު ޖަމާއަތްތަކުން ކުރާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު މިއުވާން މުހައްމަދު "ސަން" އަށް ވިދާޅުވީ، ސެނަނަޔަކަ ދެއްކެވި ވާހަކަތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ކަންބޮޑުވުންތަކާއި، އަދި އެ ވާހަކަތަކުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ސްރީލަންކާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެނަނަޔަކަ ދެއްކެވި ވާހަކަތަކުގެ ހަގީގަތް އޮޅުން ފިލާގޮތަށް ބަޔާނެއް ނެރުމަށްވެސް ދިވެހި ސަރުކާރުން ވަނީ ސްރީލަންކާ ސަރުކާރުގައި އެދިފައެވެ.

"އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިނުވަނީސް، ކަމުގެ ހަގީގަތް އޮޅިދާނެފަދަ ގޮތަކަށް، އަދި ދިވެހިންނާމެދު ނަފްރަތު އުފެދިދާނެ ގޮތަކަށް ޒިންމާދާރުކަން ކުޑަކޮށް މީޑިއާގައި ވާހަކަ ދައްކާފައިވާތީ، ކަމުގެ ހަގީގަތް އެނގޭނެ ގޮތަށް ރަސްމީ ބަޔާނެއް ނެރެދިނުމަށްވެސް ސްރީލަންކާ ސަރުކާރުގައި ވަނީ ދަންނަވާފައި." މިއުވާން ވިދާޅުވިއެވެ.

އޭގެ އިތުރުން، ސްރީލަންކާގައި ދިރުއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށްވެސް ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

މިއުވާން ވިދާޅުވި ގޮތުގައި، އަވަށްޓެރި ގައުމުތަކަށް ދިމާވާ ކަންކަމުގައި ދިވެހިރާއްޖެއިން ކުރިއެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން މިންޖުވެގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް