ފިތުރު ޒަކާތުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

މީހަކު ޒަކާތް ބަލައިގަންނަނީ-- ސަން ފޮޓޯ: އަލީ ނަސީރު

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.16 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަކާތް ދެއްކީ 24،429 މީހުން ކަމަށް މިއަދު އެ މިނިސްޓްރީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

އިސްލާމިކް މިނިސްޓްރީގެ އިތުރުން، ބީއެމްއެލް، އިސްލާމިކް ބޭންކް، އުރީދޫ، ދިރާގު، މެދުވެރިކޮށް ޒަކާތް ދެއްކެއެވެ. ވިލިމާލޭގައި ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުން އަދި ހުޅުމާލޭގައި އެޗްޑީސީ މެދުވެރިކޮށްވެސް ޒަކާތް ދެއްކެއެވެ. ރަށް ރަށުގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ޒަކާތް ބަލައިގަންނާނީ ކައުންސިލުތަކުންނެވެ.

އެ ތަންތަނުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެންމެ ގިނަ މީހުން މިހާތަނަށް ފިތުރު ޒަކާތް ދައްކާފައި ވަނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށެވެ. އެ މިނިސްޓްރީ މެދުވެރިކޮށް 17،000އަށް ވުރެ ގިނަ މީހުން ޒަކާތް ދައްކާފައިވެއެވެ. އެ މިނިސްޓްރީ މެދުވެރިކޮށް ދައްކާފައިވާ ޒަކާތުގެ އަގު 755،000 އަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ.

އަދި ބީއެމްއެލް މެދުވެރިކޮށް ޒަކާތުގެ ގޮތުގައި 220،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކި އިރު އިސްލާމިކް ބޭންކް މެދުވެރިކޮށް 31،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ. ދިރާގު މެދުވެރިކޮށް ގާތްގަނޑަކަށް 46،000 ރުފިޔާގެ ދައްކާފައިވާ އިރު އުރީދޫ މެދުވެރިކޮށް، ދައްކާފައި ވަނީ 18،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޒަކާތުގެ ގޮތުގައި ވިލިމާލެ ހައުސިން ޔުނިޓަށް 27،000އަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ. އަދި އެޗްޑީސީ މެދުވެރިކޮށް 61،000އަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ.

ފިތުޒު ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށެވެ. ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ.

މާލޭ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ 15ރ.، ތައިލެންޑް ހުދު ހަނޑުލުން ނަމަ 45ރ.، ބާސްމަތީ ހަނޑުލުން ނަމަ 95ރ.، ރަތް ހަނޑުލުން ނަމަ 75ރ.، އާދައިގެ ފުށް ނަމަ 16ރ.، އަދި އާޓާ ފުށް ނަމަ 60 ރުފިޔާއިންނެވެ.

comment ކޮމެންޓް