ނައިފަރުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ނައިފަރުގެ ކައުންސިލް މެމްބަރުންނާ ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ޅ. ނައިފަރަށް ދިމާވެފައިވާ ގޯތި ގެދޮރާއި ބިމުގެ ދަތިކަމާ ބެހޭ ގޮތުން އެ ރަށުގެ ކައުންސިލްގެ މެމްބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާބައްދަލުވުންތައް ބާއްވައިފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

އެ ބައްދަލުވުމުގައި ނައިފަރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ވަނީ ހިއްސާކޮށްފަ އެވެ.

ނައިފަރުގެ ބިމުގެ ދަތިކަމުގެ މަޝްވަރާތައް ކުރި އިރު އެ ރަށުގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެެއް ހޯދަން ވެސް މިދިޔަ މާޗު މަހު އިއުލާންކުރި އެވެ.

ހުދު ރައީސް ސޯލިހް ވެސް ކުރިން ވަނީ މި ސަރުކާރުގެ ވެރިކަމުގައި ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ނައިފަރުގެ ކައުންސިލުން އިތުރަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ރަށުގައި ޔޫތު ސެންޓަރެއް ގާއިމްކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާއީ މައްސަލަތައް ހިމެނެ އެވެ.

ކައުންސިލުން ހުށަހެޅި އިތުުރުކަންތައްތައް

  • ނައިފަރުގެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް
  • ނައިފަރުގެ ސްކޫލަށް ދިމާވެފައިވާ ގޮންޖެހުންތައް
  • ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައް

އެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް