އަތް ނެތް ޕައިލެޓް ޖެސިކާ: ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް

"އާމްލެސް ޕައިލެޓު"ގެ ނަމުން މަޝްހޫރުވެފައިވާ ޖެސިކާ ފްލައިޓު ކޮންޓްރޯލު ކުރަނީ ދެ ފައިން -- ފޮޓޯ: ޖެސިކާ.ކޮމް

ޖެސިކާ ކޮކްސްއަކީ އެމެރިކާގެ އެތައް ހާސް ޕައިލެޓުންގެ ތެރެއިން އެއް ޕައިލެޓެވެ. ނަމަވެސް "އާމްލެސް ޕައިލެޓު"ގެ ނަމުން މަޝްހޫރުވެފައިވާ ޖެސިކާގެ ފަރާތުން އެހެން ޕައިލެޓުންނާ ވަރަށް ތަފާތު ކަމެއް ފާހަގަ ކުރެވެ އެވެ. އެއީ އެހެން ޕައިލެޓުންނާ ހިލާފަށް އޭނާ މަތިންދާބޯޓު އުދުއްސަނީ ދެ ފައިންނެވެ.

"އެހެން ޕައިލެޓުން ދެ އަތުން ކުރާ ކަންތައްތައް ކުރަން އަހަރެން ބޭނުން ކުރަނީ ފައިތިލަ،" ޖެސިކާ ބުންޏެވެ.

މީގެ 36 އަހަރު ކުރިން ޖެސިކާ އުފަންވި އިރު އޭނާގެ ދެ އަތް ނެތެވެ. އަދި އޭނާގެ މަންމަ ބަލިވެއިން އިރު އާދަޔާ ހިލާފު ކަމެއް ޑޮކްޓަރުންނަށް ފާހަގަ ކުރެވިފައި ނެތުމުން، ޖެސިކާގެ ދެ އަތް ނެތުން ވެގެން ދިޔައީ ޑޮކްޓަރުންނާއި އާއިލާއަށް ވެސް ސިހުން ގެނުވި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ޖެސިކާގެ އާއިލާއިން އެއްވެސް ތަފާތެއް ނުކުރާ ކަމަކަށް އޭނާ ބުންޏެވެ.

ޖެސިކާ ކުޑަ އިރު އޭނާގެ އާއިލާއިން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ޖެސިކާ ބުނި -- ފޮޓޯ: ޖެސިކާ.ކޮމް

"އަމިއްލައަށް މިނިވަންކަމާ އެކު ކަންތައްތައް ކުރަން އަހަރެންގެ އާއިލާއިން ވަރަށް ހިތްވަރުދީ އެހީތެރިވެދިން،" ޖެސިކާ ބުންޏެވެ.

ޖެސިކާ ބުނި ގޮތުގައި ޕައިލެޓަކަށް ވުމުގެ ކުރިން އޭނާ މަތިންދާބޯޓަށް އަރަން ބިރުގަނެ އެވެ. ނަމަވެސް އެކަން ބަދަލުކޮށްލީ އެއް ދަތުރުގައި، ބޯޓުގެ ކޮންޓްރޯލު ކުރާ ގޮތް ޕައިލެޓު ދައްކާލުމުންނެވެ.

"ކުޑައިރު ފްލައިޓަކަށް އަރާ އިރު އަބަދު ވެސް ހުންނާނީ ދުއާކޮށްލަކޮށްލާ. ނަމަވެސް ކުޑަ ބޯޓެއްގައި ކުރި އެއް ދަތުރުން އެކަން ބަދަލުވީ. [އެދަތުރުގައި] ޕައިލެޓު އަހަންނަށް ބޯޓުގެ ކުރީކޮޅު ދެއްކި. އޭގައި ޑުއަލް ކޮންޓްރޯލް ހުރި... އަދި އެއް ކޮންޓުރޯލުން އަތް ދޫކޮށްލައި، އަހަންނަށް ބޯޓު އުދުއްސުމަށް ފުރުސަތު ދިން،" ޖެސިކާ ބުންޏެވެ.

ޖެސިކާ ޕައިލެޓަކަށް ވާން ތަމްރީނުތައް ފެށީ 2005 ވަނަ އަހަރު ޔުނިވާސިޓީ އޮފް އެރިޒޯނާއިން ގްރެޖުއޭޓުވުމަށްފަހުގަ އެވެ. އަދި އޭނާ އަށް އެހީތެރިވެދެވޭނެ ފްލައިޓް އިންސްޓްރަކްޓަރުން ހޯދުމާއި އޭނާއަށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުން ވެގެން ދިޔައީ އެހާ ފަސޭހަ ކަމަކަށް ނޫން ކަމަށް ޖެސިކާ ބުންޏެވެ.

"އަހަރެން މިކަން ކުރާނެ ގޮތެއް ހޯދުމަށް ގިނަ އަދަދެއްގެ ފްލައިޓް އިންސްޓްރަކްޓަރުންނާއި އިތުރު އެހީތެރިން ބައިވެރިވި. އަދި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން ތިން އަހަރުގެ މުއްދަތެއް ނެގި،" ޖެސިކާ ބުންޏެވެ.

ނަމަވެސް އެންމެ މުހިއްމު ކަމަކަށްވީ ޖެސިކާއަށް ހަމައެކަނި ފައިތިލަ ބޭނުންކޮށްގެން ކޮންޓްރޯލު ކުރެވޭނެ މަތިންދާބޯޓެއް ހޯދުމެވެ. އޭނާ ބުނި ގޮތުގައި ނަސީބު ދިމާ ކުރި ގޮތުން އޭނާއަށް އުދުއްސަން ހުއްދަ ލިބުނީ، އޭނާ އެތައް ދުވަހެއް ވަންދެން ކޮމްޕިއުޓަރުގެ ވޯލްޕޭޕަރަށް ލާފައި އިން މަރުކާގެ މަތިންދާބޯޓެވެ. އެއީ އާކޫޕް ކިޔާ ކުޑަ މަތިންދާބޯޓެކެވެ. ނަމަވެސް ޕައިލެޓުކަމުގެ ސެޓުފިކެޓާ ހަމައަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަން ވެސް ޖެސިކާ ފާހަގަ ކުރި އެވެ.

"ވަރަށް ބަައިވަރު ސުވާލުތައް ކުރިމަތިވި. ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި. އަދި މިކަން ކުރެވޭނެ ކަމާ މެދު ވަރަށް ގިނަ މީހުން ޝައްކު އުފެއްދި،" ނަމަވެސް އެފަދަ މީހުންގެ ސަބަބުން ހިތްވަރު އެލުވާނުލައި، ތިން އަހަރުގެ ބުރަ މަސައްކަތަށް ފަހު، 2008 ވަނަ އަހަރު ޖެސިކާ ޕައިލެޓު ކަމުގެ ސެޓުފިކެޓު ހާސިލު ކުރި އެވެ.

އަދި މިހާރު ޖެސިކާ ދަނީ، ހަށިގަނޑުގައި ހުންނަ ތަފާތު ކަމެއްގެ ސަބަބުން، އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރުމަށް ހުރަސް ނޭޅެނެކަން ވިސްނައިދިނުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރަމުންނެވެ.

"އަހަރެންގެ ހަޔާތަށް ބަލާ އިރު އަހަންނަށް ފާހަގަވޭ، އަހަރެން ދިރިއުޅޭ ގޮތުން އެހެން މީހުންނަށް ވެސް އަންނަ ބަދަލު. އަހަރެންގެ ވެސް އެތަކެއް ރޯލް މޮޑެލްސް އާއި ލީޑަރުން ތިބި. އެހެންވީމާ މިހާރު އަހަރެންގެ ޒިންމާއެއް އެއީ ކުރިއަށް އޮތް ޖީލުތަކަށް [ރޯލް މޮޑެލްއަކަށް]ވުން،" ޖެސިކާ ބުންޏެވެ.

ޖެސިކާއަކީ ޕައިލެޓެއްގެ އިތުރުން، ސަޓިފައިޑް ސްކޫބާ ޑައިވާއެއް އަދި ޓައިކްވަންޑޯއިން ތާޑް ޑިގްރީ ބްލެކް ބެލްޓެއް ހާސިލުކޮށްފައިވާ ފަރާތެކެވެ.

"ބައެއް ކަންތައްތައް ކުރަން ބިރުގަތް ނަމަވެސް، އެކަންތައްތަކާ ކުރިމަތިލުމަކީ މުހިއްމު ކަމެއް،" ޖެސިކާ ބުންޏެވެ.

comment ކޮމެންޓް