މާމިގިލީ އެއާޕޯޓަށް އެރަށުން ބިމެއް ދޭން ކައުންސިލުންް ފާސްކޮށްފި

މާމިގިލި އެއާޕޯޓަށް އިތުރުކުރާ ބިިން -- ސަން ފޮޓޯ

އދ. މާމިގިލި އެއާޕޯޓަށް އެ ރަށުން ބިމެއްދޭން ކައުންސިލުން ނިންމައިފި އެވެ.

މާމިގިލި ކައުންސިލުން މިއަދު ބުނީ އެއާޕޯޓް ފެންސާ އިންވެގެން އޮންނަ 34،228 ކައަފޫޓުގެ ބިމެއް ވިލާ އެއާޕޯޓަށް ދޭން ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

"އެ ނިންމުން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދި ފޮނުވާފައި. މިނިސްޓްރީ އިން އާނބަސް ލިބުނުހާ އަވަހަކަށް އެއާޕޯޓަށް ބިން ދޭނެ،" ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެއާޕޯޓްގެ އިރު ދެކުނު ފަރާތުން އެއާޕޯޓާ އިންވެގެން އޮތް ބިން އެެއާޕޯޓަށް ބޮޑު ކުރުމަށް ކައުންސިލުން ފާސް ކުރީ އެއްވެސް ކުއްޔަކަށް ނޫނެވެ. އަދި އޭގެ ބަދަލުގައި ރަށަށް ވަކި ކަމެއް ކޮށްދިނުމަށް ޝަރުތުކޮށްފައެއް ވެސް ނޫނެކެވެ.

މާމިގިލީ ކައުންސިލްގެ ތިން މެެމްބަރުންނަކީ ވެސް ޖޭޕީގެ ތިން ބޭފުޅުންނެވެ.

އެއާޕޯޓު ހިންގާ ވިލާ ކުންފުނިން، އެއާޕޯޓަށް ބޭނުންވާ އިތުރު ބިން ހޯދުމަށް އެދުމުން، ކައުންސިލުން ބުދަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް ވިލާ އެއާޕޯޓަށް މާމިގިލިން ބިންދޭނީ އެއާޕޯޓު ހިންގުމަށް ސަރުކާރުން ހުއްދަ ދީފައިވާ މުއްދަތަށް ކަމަށް މާމިގިލި ކައުންސިލުން ބުންޏެވެ. އެއީ 99 އަހަރެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން" އަށް ވިދާޅުީ މާމިގިލީގައި ހިންގާ ވިލާ އެއާޕޯޓަށް ބިން އިތުރު ކުރުމަށް ކައުންސިލުން ނިންމައި ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދި ފޮނުވާފައިވާ ކަމަށެވެ.

ހަމަޖެހިފައިވާ އުސޫލުން މިނިސްޓްރީ އިން އެ ކަންތައް ބަލައި އަންނަ ހަފުތާގެ ތެރޭ ގޮތެއް ނިންމައި ކައުންސިލަށް އަންގާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

comment ކޮމެންޓް