ސައޫދީ ބުނަނީ ގަލްފުގައި ހަނގުރާމައިގެ ހުޅުރޯކުރަން އުޅުނީ އީރާނުން ކަމަށް

ސައޫދީ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު އާދިލް އަލްޖުބައިރު

ގަލްފުގެ ސަރަހައްދުގައި ހަނގުރާމައެއްގެ ހުޅު ރޯވިޔަ ނުދިނުމަށް ޓަކައި ކުރެވުނުހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށާއި ހަނގުރާމައެއް ފެށުމަށް އީރާނުން ކުޅޭ ކުޅިގަނޑު ނާކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސައޫދީ އަރަބިޔާ އިން ފުރަތަމަ ފަހަރަށް ބުނެފި އެވެ.

ސައޫދީ ޚާރިޖީ ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވީ ގަލްފުގެ ސަރަހައްދު ހޫނުކޮށް ހަނގުރާމައަކާ ހިސާބަށް ގެންދިޔައީ އީރާނުން ކަމަށާއި އެމެރިކާ އާއި އީރާނުގެ ދެމެދުގައިވާ މައްސަލަތަކުގެ ފަހަތުގައި ވަނީ ވެސް އީރާން ކަމުގައެވެ. ނަމަވެސް ހަނގުރާމައެއް ފެށުމަށް އީރާނުން ކުޅުނު ކުޅިގަނޑު ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާ ސައޫދީން ހަނގުރާމަ ބޭނުން ނުވާކަމަށް ޖުބައިރު ވިދާޅުވި އެވެ. މިއީ ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ ފްލީޓް ފޮނުވައި އީރާނަށް އިންޒާރު ދީ އެމެރިކާ އިން އެސަރަހައްދު ހޫނުކުރި ކުރުމަށް ފަހު ސުލްޙައަށް ގޮވާލައި ސައޫދީ މަސްއޫލުވެރިއަކު ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

މިދިޔަ ހަފްތާގައި ޔަމަންގެ ހޫޘީ ޖަމާއަތުން ސައޫދީ ތެލުގެ ދެ މަރުކަޒަށް ދިން ޙަމަލާތަކުގެ ފަހަތުގައިވަނީ ވެސް އީރާން ކަމަށް ސައޫދީ ބުނެ އެވެ. އަދި އެ ޙަމަލާތައް ދޭން ހޫޘީންނަށް އަމުރުކުރީ ވެސް އީރާނުންކަމަށް ސައޫދީ ބުނެފައިވެ އެވެ. ޖުބައިރުގެ ވާހަކަ ފުޅުގައި ވެސް ވަނީ އެވާހަކަތައް އެގޮތަށް ތަކުރާރު ކުރައްވައިފަ އެވެ. ނަމަވެސް ސައޫދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ދިން ޙަމަލާއަކީ އީރާން ފަހަތުގައި އޮވެގެން ދިން ހަމަލާއެއްކަމަށް ޖުބައިރު ތުހުމަތު ކުރެއްވި އިރު ސައޫދީން އީރާނަށް ރައްދު ނުދިން ސަބަބު ޖުބައިރު ހާމަކުރައްވާފައެއް ނުވެ އެވެ.

ސައޫދީ ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުބައިރު ވަނީ ސައޫދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ދިން ޙަމަލާތަކާއި ޔޫއޭއީގެ ފުޖައިރާ ބަނދަރު ކައިރިން ދަތުރުކުރި އާގު ބޯޓުތަކަށް ދިން ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ގަލްފުގެ އެއްބާރުލުމާބެހޭ ކައުންސިލް (ޖީސީސީ) ސަމިޓް ބައްދަލުވުމަކާއި އަރަބި ލީގުގެ ސަމިޓް ބައްދަލުވުމަކަށް ވެސް ގޮވާލައްވައިފަ އެވެ.

ހޫޘީން ވަނީ ސައޫދީން ޔަމަނާ ދެކޮޅަށް ހަނގުރާމަކޮށް ޔަމަންގެ އާންމުން މަރަމުން ގެންދާތީ ސައޫދީއަށް ރައްދު ހަމަލާ ދިނުމަކީ ޔަމަނަށް ލިބިފައިވާ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގެއްކަމަށް ބުނެފަ އެވެ. ޔަމަންގެ ހަނގުރާމަ ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ސައޫދީ އާއި ޔޫއޭއީގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށް އިގްތިސާދީ ގޮތުން އެދެގައުމު އިންދަޖައްސާލައިގެން ކަމަށާއި އެމެރިކާގެ އެހީތެރިކަމާއެކުގައި ނޫނީ ސައޫދީ އަށް ވެސް އަދި ޔޫއޭއީ އަށްވެސް ޔަމަނާ ހަނގުރާމަ ނުކުރެވޭނެ ކަމަށާ ފައިސާ ނެތް ނަމަ އެމެރިކާގެ އެހީތެރިކަން އެދެގައުމަށް ނުލިބޭނެ ކަމަށް ހޫޘީންގެ ތަރްޖަމާން މުހައްމަދު އައްސަލާމް ވަނީ ވިދާޅުވެ އެވެ. އަދި މިހާރު ވެސް ޔޫއޭއީ އާއި ސައޫދީން ޔަމަނާ ދެކޮޅަށް ހަނގުރާމަ ކުރަނީ އެކި ގައުމުތަކުން ކުލީސިފައިން ހޯދައިގެން ކަމަށާއި އެ ދެ ގައުމު އިގްތިސާދީ ގޮތުން އިނދަޖައްސާލައިފި ނަމަ ހަނގުރާމަ ކުރިޔަށް ގެންދިޔުމުގެ ހަކަތަ އެދެގައުމުގައި ނުހުންނާނެ ކަމަށް ވެސް ހޫޘީންގެ ތަރްޖަމާން ވަނީ ވިދާޅުވެފަ އެވެ.

ސައޫދީ ޚާރިޖީ ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު އާދިލް އަލްޖުބައިރު ސުލްޙައަށް ގޮވާލައްވައި ވާހަކަ ދައްކަވާފައި މިވަނީ އީރާނަށް އިންޒާރުދީ އެގައުމަށް ބިރު ދެއްކުމަށްޓަކައި އެމެރިކާއިން ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވުމަށް ފަހު އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަންބޭނުން ނުވާކަމަށާ އޭގެބަދަލުގައި އީރާނާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

އެމެރިކާ އަސްކަރީ ބާރުތައް ގަލްފުގައި

އެމެރިކާއަކީ މިހާތަނަށް ބާރުގަދަ އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ކުރަންކެރިފައިވާ ގައުމެއް ނޫނެވެ. އެމެރިކާ އަބަދު ވެސް އިސްވެ ހަމަލާދީ ހަނގުރާމަކޮށްފައިވަނީ އަފްޣާނިސްތާން، ފަދަ ބަލިކަށި އަދި ގައުމުތަކާ އެވެ. އިރާގަށް 2003 ވަނަ އަހަރު އެމެރިކާ އަރައިގަތީ ވެސް 10 ވަރަކަށް އަހަރުވަންދެން އިރާގާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އިރާގު އިގްތިސާދީ ގޮތުން ބަލިކުރުމަށް ފަހު އަދި އދ. މެދުވެރިކޮށް އިރާގުގައިވާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށްފަހުގަ އެވެ. މިގޮތުން ސައްދާމުގެ ދުވަސްވަރު އިރާގުން އުފެއްދި ބޮޑުބަޑިވެސް އިރާގަށް އަރައިގަތުމުގެ ކުރިން އދ. މެދުވެރިކޮށް އެމެރިކާވަނީ ނައްތާލާފަ އެވެ. އީރާނާދެކޮޅަށް ހަނގުރާމަ ފަށަން އެމެރިކާއަށް ނުކުރޭނެކަމަށް އަބަދުވެސް އީރާނުން ބުނަމުން ގެންދެ އެވެ.

އެމެރިކާ އިން އީރާނަށް އިންޒާރުދީ އެގައުމަށް ބިރު ދެއްކުމަށް ޓަކައި ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވުމަށް ހިންގި ކަންތައްގަނޑުގެ ފަހަތުގައި ވަނީ އެމެރިކާގެ ހަރުކަށި ވިސްނުމުގެ ދެބޭފުޅުން ކަމަށްޥާ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންކަމަށް ރިޕޯޓްތައް ބުނެ އެވެ. މިކަމަށް އެދެބޭފުޅުންނަށް ހިއްވަރުދެއްވީ އީރާނުގެ ދުޝްމަނުން ކަމަށްވާ އިސްރާއީލާއި ސައޫދީ އާއި ޔޫއޭއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އީރާނަށް އިސްވެ ޙަމަލާދީފިނަމަ ގަލްފުގައި ބޮޑު ހަނގުރާމައެއް ފެށި ހަނގުރާމަ ދިގުލައި ސައޫދީއާއި ޔޫއޭއީގެ ތެލުގެ މަރުކަޒުތައް ހަލާކުވުމުގެ ފުރްސަތު ބޮޑުވުމާއި ހުރްމުޒް ކަނޑު އޮޅިން ތެޔޮ ބޭރުކުރެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ހަނގުރާމަ ފަށަން އެމެރިކާ ޖެހިލުންވީ ކަމަށް މުހައްލިލުން ދެކެ އެވެ. ޓްރަމްޕަކީ ހަނގުރާމައިގެ ބިރު ދެއްކެވި ނަމަވެސް ހަނގުރާމަ ކުރަން ބޭނުންވާ ބޭފުޅަކަށް ނުވާކަމަށް ވެސް އޭނާގެ ޝަޚްސިއްޔަތު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. ޓްރަމްޕް ވަނީ އުތުރުކޮރެޔާއަށް ވަރުގަދަ އިންޒާރުތަކެއް ދެއްވުމަށް ފަހު ބިރުދެއްކުމަށް ޓަކައި މިދިޔަ އަހަރު ރީނދޫ ކަނޑަށް ހަނގުރާމައިގެ ލަޝްކަރާއި މަނަވަރުތައް ފޮނުވުމަށް ފަހު ހަނގުރާމަ ކުރަން ބޭނުންނުވާކަމަށް ވިދާޅުވެ ކުއްލި ގޮތަކަށް އުތުރުކޮރެޔާއާ ސުލްހައިގެ ވާހަކަތައް ފެށުމަށް ގޮވާލައްވައި އުތުރުކޮރެޔާގެ ޒައީމް އާއެކު ސުލްހައިގެ ވާހަކަތައް ފައްޓަވާފައެވެ.

ނަމަވެސް އުތުރު ކޮރެޔާއާ ޚިލާފަށް އީރާން ވަނީ އެމެރިކާ އެނބުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އަލުން ރުޖޫއަ ވުމުން ނޫނީ ޓްރަމްޕްގެ ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ނުދައްކާނެ ކަމަށް ބުނެފަ އެވެ. އަދި ސުލްހައިގެވާހަކަތައް ފެށި ނަމަވެސް މިސައިލް ޕްރޮގްރާމް ފަދަ އީރާނުގެ ހަތިޔާރުގެ ޕްރޮގްރާމްތައް ހުއްޓާ ލުމަށް އެއްބަސްނުޥާނެކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.

comment ކޮމެންޓް