ސީއާރުސީ ކަޕް 20ގެ ޗެމްޕިއަންކަން ސަރުޖާން ހޯދައިފި

ސީއާރްސީ ކަޕް 20ގެ ޗެމްޕިއަންކަން ސަރުޖާން ޓީމުން އުފުލާލަނީ --- ފޮޓޯ/ ކަސްޓަމްސް

ފައިނަލުގައި ޓީމު ބޮންޑް ބަލިކޮށް ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބޭއްވޭ ފުޓުސަލް މުބާރާތް، ސީއާރުސީ ކަޕް 20ގެ ޗެމްޕިއަންކަން ސަރުޖާން އިން ހޯދައިފި އެވެ.

ހެންވޭރު ޕީކޭ ޓާފުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުން ޓީމް ބޮންޑުގެ މައްޗަށް ސަރުޖާން އިން ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. މިއީ ކަސްޓަމްސް އިން އެ އިދާރައިގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފުޓަސްލް މުބާރާތެއް ބޭއްވި 20 ވަނަ ފަހަރެވެ.

ސީއާރްސީ ކަޕް 20 ގެ ފައިނަލުގައި އިއްޔެ ކުޅުނު މެޗުގައި ޓީމް ބޮންޑު ކޮޅަށް ސަރުޖާން ޓީމުން ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ ކަސްޓަމްސް

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފައްދާ ގޯލު ޖަހަން މަސައްކަތް ކުރި އިރު މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ސަރުޖާން ޓީމުގެ ހުސައިން ޝުއައިބް އެވެ. އޭނާ ވަނީ އެ މެޗުގެ މޭން އޮފް ދަ މެޗުގެ އިތުރުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަރުޖާން އިން ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި އެސް.އޯ.ޕީ 1-4ގެ ބޮޑު ނަތީޖާއަކުން ބަލިކުރުމަށް ފަހު އެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމް ބޮންޑް ފައިނަލަށް ދަތުރު ކުރީ ވާދަވެރި ކުޅުމަކަށް ފަހު 7-8ގެ ނަތީޖާއަކުން ހިތްދަތި ގޮތަކަށް ޓީމް އެއާ ކާގޯ ބަލިކުރުމަށް ފަހު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެސް.އޯ.ޕީ އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ޓީމް ބޮންޑުގެ އިބްރާހިމް ވަހީދު ހޮވުނު އިރު ޓޮޕް ސްކޯރާގެ މަގާމު ހޯދީ ސަރުޖާންގެ މުހައްމަދު ފައިސަލް އެވެ.

މީގެ އިތުރުން މުބާރާތުގެ ބެސްޓް ފައިވް ވަނީ ހޮވާފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސަރުޖާންގެ ހުސައިން ޝުއައިބް އާއި އިބްރާހިމް ފައިސަލްއާއި ޓީމް އެއާކާގޯގެ ހަސަން ނޫރިޝް އަދި ޓީމް ބޮންޑުގެ މާޒިން މުހައްމަދުގެ އިތުރުން ޓީމް އެސްއޯޕީގެ ހުސައިން ހަކީމް އެވެ.

ސީއާރުސީ ކަޕް ފުޓުސަލް މުބާރާތަކީ ކަސްޓަމްސްގެ އެކި ސެކްޝަންތަކުގެ މެދުގައި 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތުގެ މަގުޞަދަކީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމެވެ.

comment ކޮމެންޓް