ހެގަބާގްގެ ހިތްގައިމު ހެޓްރިކަކާ އެކު އަންހެނުންގެ ޗެމްޕިއަންސް ލީގު ތަށި ލިއޮން އުފުލާލައިފި

ލިއޮންގެ ފޯވާޑް އަދާ ހެގަބާގް ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ލިއަމް ބްލެކްބާން

އަދާ ހެގަބާގްގެ 16 މިނަޓުގެ ހެޓްރިކަކާ އެކު ބާސެލޯނާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ލިއޮން އިން ހޯދައިފި އެވެ.

ހަންގޭރިއާގެ ބުދަޕެސްޓުގައި ރޭ ކުޅުނު ފައިނަލު މެޗުން ބާސެލޯނާގެ މައްޗަށް ލިއޮންއިން ކުރި ހޯދީ 1-4 ގެ ނަތީޖާ އަކުންނެވެ. މިއީ ލިއޮންއިން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ހަތަރު ވަނަ ފަހަރެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ ފައިނަލު މެޗުގައި ލިއޮން އިން ވަނީ މެޗުގެ ފުރަތަމަ 30 މިނަޓުގެ ތެރޭގައި ހަތަރު ގޯލު ޖަހައި ބާސެލޯނާގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލައިފަ އެވެ. އެ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ލިއޮންގެ ފޯވާޑް އަދާ ހަގަބާގް ދެއްކި މޮޅު ކުޅުމެވެ. އޭނާ ވަނީ އެ މެޗުގައި އެންމެ 16 މިނަޓުގެ ތެެރޭ ހެޓްރިކެއް ހަދައިފަ އެވެ. އޭނަގެ އިތުރުން އެ މެޗުގައި ލިއޮން އަށް ގޯލު ޖަހައިދިނީ ޒެނިފާ މަރޮޒާން އެވެ.

އަދާ ހެގަބާގް އަކީ ވޭތުވެ ދިޔަ އަހަރު ފުރަތަމަ ފަހަރަށް ހޮވި ހުރިހާ ގޮތަކުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ. އޭނާ މި ސީޒަނުގައި ވެސް ދައްކަމުން އަންނަ ތަފާތު ކުޅުމަށް ބަލައި ބެލެންޑިއޯ އޭނާއަށް ލިބުން ގާތް ނަމަވެސް މި އަހަރު ކުޅުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޯލްޑް ކަޕުގައި އޭނާ ނުކުޅޭނެ ކަން ވަނީ އިއުލާން ކޮށްފަ އެވެ. ހުރިހާ ގޮތަކުން މޮޅު ކުޅުންތެރިޔާ ހޮވުމުގައި އެ ސީޒަނުގައި ގައުމީ ޓީމާ އެކު ދައްކާ ކުޅުމަށް ވެސް ބަލާނެ އެވެ.

ހެގަބާގް ނިސްބަތްވާ ނޯވޭގެ ގައުމީ ޓީމާ އެކު މި އަހަރުގެ ވޯލްޑް ކަޕު ނުކުޅެން ނިންމާފައި ވަނީ އެ ގައުމުގައި އަންހެނުންގެ ފުޓުބޯޅައަށް އިސްކަމެއް ނުދޭތީ ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމުގެ ސަބަބުން ރަނގަޅު ޗެލެންޖެއް ދެވޭ ވަރުގެ ޓީމެއް އުފެދިފައި ނެތް ކަމަށް ވެސް ހެގަބާގް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް