އާލަމް: ބައިސްކޯފުން ނެރުނު އާ މަދަހަ އަލްބަމް

ބައިސްކޯފުން އާލަމް މަދަހަ އަލްބަމް ލޯންޗުކުރުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ސްޓްރީމު ކުރެވޭ ޕްލެޓްފޯމު، ބައިސްކޯފުން ރަމަޟާން މަހާ ދިމާކޮށް މަދަހަ އަލްބަމެއް ނެރެފި އެވެ.

މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިސްކޯފުން ތައްޔާރުކުރި މި އަލްބަމު ވަނީ އިފްތިތާހުކޮށްފަ އެވެ. ބައިސްކޯފުން ބުނީ "އާލަމް" މަދަހަ އަލްބަމް މިއަދުން ފެށިގެން އެ ޕްލެޓްފޯމުން އަޑުއެހޭނެ ކަމަށެވެ.

އީސާ ޝަރީފް އާއި ގުޅިގެން ބައިސްކޯފުން އުފެއްދި މި މަދަހަ އަލްބަމުގައި އަށް މަދަހަ ހިމެނެ އެވެ. މަދަހަތަކުގެ ޅެން ހަދާފައި ވަނީ އީސާ ޝަރީފްގެ އިތުރުން އާދަމް ނަސީރު އަދި ޒުވާން ޅެންވެރިއެއްކަމަށްވާ އިއްޒަ އަހުމަދު ނިޒާރެވެ. މި އަލްބަމުގެ މަދަހަތައް ކިޔާދީފައިވަނީ މުމްތާޒު، ރާއިޔަތު ރަމީޒާ، އަޝްފާ، ފާތުމަތު ރައޫފް، ސައިނާ އަދި ހާމިދު ނިޝާންގެ އިތުރުން ކުޑަ ކުއްޖެކެވެ.

އާލަމް އަލްބަމާ ގުޅޭ ގޮތުން އީސާ ޝަރީފް ބުނީ މި އަލްބަމަކީ 10 ދުވަސްތެރޭ ނިންމާލި އަލްބަމެއް ކަމަށެވެ.

ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ބުނީ އާލަމް އަލްބަމުގައި ހިމެނޭ މަދަހަތަކުގެ ޅެންތައް ފާހަގަ ކުރެވޭ ކަމަށާއި އެހުންތެރިންނަށް ކަމުދާނެ ޅެންތައް މި އަލްބަމުގައި ހުންނާނެ ކަމަށެވެ.

އާލަމް އަލްބަމުގެ އިތުރުން 100 އަށް ވުރެ ގިނަ މަދަހަ ބައިސްކޯފުން އަޑުއަހާލެވޭނެ އެވެ.

ބައިސްކޯފު އެޕް ބޭނުންކުރާ 50،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ދިރާގު ކަސްޓަމަރުން ބައިސްކޯފު އެޕް ސައިބްސްކްރައިބު ކުރަން ހޭދަކުރަންޖެހެނީ 69 ރުފިޔާ އެވެ. ދިރާގުން ވަނީ ބައިސްކޯފާއެކު ޕާޓްނާޝިޕް ހަދައިފައެވެ.

ބައިސްކޯފު އެޕަށް ސަބްސްކްރައިބް ނުކޮށްވެސް ބައިސްކޯފުގެ ބައެއް ކޮންޓެންޓް ބަލައިލެވޭނެއެވެ.

ބައިސްކޯފުން އެމީހުންގެ އަމިއްލަ ކޮންޓެންޓް އުފެއްދުމުގެ މަސައްކަތްތައް ވެސް ކުރެ އެވެ. ސަތޭކަ ޕަސެންޓް ދިވެހި ކޮންޓެންޓް ހިމެނޭ މި ޕްލެޓްފޯމުގައި ކުރީގެ ދިވެހި ފިލްމުތަކާއިި ޑްރާމާ، ލަވަތައް އަދި ޑޮކިޔުމެންޓްރީތައް ވެސް އާކަވްކޮށްފައި އެބަހުއްޓެވެ. މީގެ އިތުރުން ޒަމާނީ ރަހަ އެކުލެވޭ ޑްރާމާ ސީރީޒްތައްވެސް ބައިސްކޯފުން ދަނީ އުފައްދާ ސްޓްރީމް ކުރަމުންނެވެ.

comment ކޮމެންޓް