އިންޑިއާގެ ބޮޑު އިންތިހާބު މިއަދު ނިމުމަކަށް

އިންޑިއާގެ އާއްމު އިންތިހާބުގައި އެންމެ ގާތުން ވާދަ ކުރާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖެޕީ އާއި ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ -- ފޮޓޯ: އޭޕީ

ދިއްލީ (މެއި 19): އިންޑިއާގައި މިދިޔަ މަހުގެ 11ގައި ފެށި އާއްމު އިންތިހާބުގެ ފަހު ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މިއަދު ވޯޓުލަނީ ބިހާރު، ހިމާޗަލް ޕްރަދޭޝް، ޖަރުކަންދު، މަދުޔަ ޕްރަދޭޝް، ޕަންޖާބު، އުއްތަރަ ޕްރަދޭޝް، ވެސްޓް ބެންގާލް އަދި ޗަންދިގަރުގެ 59 ގޮނޑިއަކަށެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާދަ ކުރައްވާ ވަރަނާސީގެ ގޮނޑި ވެސް ހިމެނެ އެވެ.

އިންޑިއާގެ މުޅި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 900 މިލިއަނަށް އަރާ އިރު އޭގެ ތެރެއިން 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިއަދު ވޯޓުލެވޭނެ އެވެ. އަދި އެއިންތިހާބާ ދިމާކޮށް ވޯޓުލާ ސަރަހައްދުތަކުގައި ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ އެވެ.

އިންޑިއާގެ އާއްމު އިންތިހާބުގެ ފަހު ފިޔަވަހީގެ ވޯޓުލުން ވަނީ ފަށާފަ -- ފޮޓޯ: އޭޕީ

އިންޑިއާގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިންނެވެ. ދެހާސް ސާދަ ވަނަ އަހަރު އެޕާޓީން އިންތިހާބު ކާމިޔާބު ކުރީ 282 ގޮނޑި ހޯދައިގެންނެވެ. އަދި އޭރު މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްއަށް ލިބުނީ 44 ގޮނޑި އެވެ. އެ ގައުމުގެ މަޖިލީހުގެ ތިރީގޭގެ އަޣުލަބިއްޔަތު ލިބޭނީ 272 ގޮނޑި ނުވަތަ އެއަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.

އެއިންތިހާބުގެ ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގަ އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީ ނުވަތަ ކޯލިޝަނެއްގެ ކެންޑިޑޭޓަކު ބޮޑުވަޒީރުކަމަށް އިސް ކުރެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް