ވަޓްފޯޑް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ސިޓީއިން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕުގެ ތަށި ސިޓީއިން އުފުލާލުން --- ފޮޓޯ/ރަޔާން ބެންސަން

ރޭ ކުޅުނު ފައިނަލުގައި ތަފާތު ބޮޑު ނަތީޖާއަކުން ވަޓްފޯޑް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ތަށި އުފުލާލައި މެންޗެސްޓާ ސިޓީއިން ޑޮމެސްޓިކް ޓްރެބަލް ކާމިޔާބު ކޮށްފި އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުން ސިޓީ ވަޓްފޯޑްގެ މައްޗަށް ކުރި ހޯދީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެފް އޭ ކަޕުގެ ތަށްޓާ އެކު ސިޓީއިން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕު ހޯދުމާ އެކު އިނގިރޭސި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޑޮމެސްޓިކް ޓްރެބަލް ކާމިޔާބު ކޮށްފަ އެވެ.

ރޭގެ ފައިނަލު މެޗުގައި ވަޓްފޯޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ ---ފޮޓޯ/ ރަޔާން ބެންސަން

ސިޓީއިން މި ސީޒަނުގައި ހަތަރު ތަށްޓަށް އަމާޒު ހިފައިގެން ސީޒަން ފެށި ނަމަވެސް ޗެމްޕިއަންސް ލީގުގެ ހިތްދަތިކަމާ އެކު ވެސް އެ ޓީމުން އައީ ބާކީ ހުރި މުބާރާތްތައް ކާމިޔާބު ކުރުމަށް ހިތްވަރާ އެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ޕޮއިންޓެއްގެ ތަފާތުގައި އޮވެ ލިވަޕޫލް އަތް ދަށުން އިނގިރޭސި ޕްރިމިއާ ލީގު ވަނީ ސިޓީ އިން އުފުލާލައިފަ އެވެ. ސިޓީއިން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 14 މެޗުން ވެސް މޮޅުވެފަ އެވެ.

ރޭގެ މެޗުގައި ސިޓީއަށް ގޯލު ހުޅުވައިދިނީ ޑޭވިޑް ސިލްވާ އެވެ. އެއަށް ފަހުން ބާނޭޑޯ ސިލްވާގެ ހިތްގައިމު ކުރޮހެއް ގެބްރިއަލް ޖީސުސްގެ ފައިގައި ޖެހި ގޯލަށް ވަންނަން ދަނިކޮށް ބޯޅަ އެތެރެ ކޮށް ލީޑު ފުޅާ ކުރީ ރަހީމް ސްޓާލިންގް އެވެ.

ދެވަނަ ހާފު ފެށިގެން ވަޓްފޯޑް އިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑު ވީ ސިޓީގެ ތިންވަނަ ގޯލާ އެކު އެވެ. ޑެ ބްރުއިނާގެ އެ ގޯލާ އެކު ވަޓްފޯޑުގެ ޑިފެންސް ރޫޅި ޓީމު އިތުރު ޕްރެޝަރަށް ވެއްޓުނެވެ. އެކަމުގެ ފައިދާ ނަގައި ސިޓީއިން ޓީމު ކުރިއަށް ޖެއްސުމަށް ފަހު މެޗު ނިމުމުގެ ކުރިން ވަނީ އިތުރު ތިން ގޯލު ޖަހާފަ އެވެ. އެ ގޯލުތައް ޖަހައިދިނީ ގެބްރިއަލް ޖީސުސްއާއި ސްޓާލިންގް އެވެ. ސްޓާލިންގް ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

ބޮޑު ކާމިޔާބީއަކަށް ފަހު ސިޓީއިން ސީޒަން ނިންމާލި އިރު އަންނަ ސީޒަނުގައި ވެސް މިކަން ތަކުރާރު ކުރާނެ ކަމުގެ ވައުދު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދީފަ އެވެ. އޭނާ ބުނީ ފުރަތަމަ ފަހަރަށް ޑޮމެސްޓިކް ޓްރެބަލްއެއް އިނގިރޭސި ކުލަބުތަކުގެ ތެރެއިން ސިޓީއަށް ކާމިޔާބު ކުރެވުނީތީ އުފާ ކުރާ ކަމަށެވެ. މިކަމަކީ ޗެމްޕިއަންސް ލީގު އުފުލާލުމެއް ވުރެން އުނދަގޫ ކަމެއް ކަމަށެވެ. އަންނަ ސީޒަނުގެ ވެސް އަމާޒަކީ މި ސީޒަނުގެ ކާމިޔާބީ ތަކުރާރު ކުރުން ކަމަށެވެ.

comment ކޮމެންޓް