މާލޭގެ އެކްސިޑެންޓްތަކާ ގުޅިގެން 12 މީހެއްގެ ލައިސަންސް ހިފަހައްޓައިފި

މާލޭގެ މަގެއްގެ މަތި -- ސަން ފޮޓޯ

މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާލޭ ސަރަހައްދުގައި މިދިޔަ ހަފްތާ ވަނީ 54 އެކްސިޑެންޓް ހިނގާފަ އެވެ. އެ އެކްސިޑެންޓުތަކާ ގުޅިގެން 12 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ ހަފްތާ ހިންގި އޮޕަރޭޝަންތަކުގައި މާލޭގައި ދުއްވި 502 ވެހިކަލެއް ފުލުހުން ވަނީ ޗެކްކޮށްފަ އެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 814 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފަ އެވެ.

މިދިޔަ ހަފްތާ 16 ސައިކަލަކާއި ހަތަރު ފުރޮޅުލީ 12 ވެހިކަލެއް ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ލައިސެންސް ކާޑުނެތި އުޅަނދު ދުއްވި 47 ފަރާތެއް ފާހަގަވެފައިވާއިރު، ލައިސަންސް ނޯންނަ 89 މީހަކުވެސް އެ މުއްދަތުގައި ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ.

ސިނަމާލެ ބްރިޖު ހުރަސްކުރާ މީހުންގެ ތެރެއިން ހެލްމެޓުނާޅާ ފަސް މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ފޯނު ބޭނުންކޮށްގެން ނުވަތަ ހެޑްސެޓް އަޅައިގެން އުޅަނދު ދުއްވި 15 މީހަކު ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ ހަފްތާގައި ގަވައިދާ ހިލާފަށް ޓެކްސީ ކުރާ ހަތަރު އުޅަނދެއް ވަނީ ހިފަހައްޓައިފަ އެވެ. ކަނޑައަޅާފައިވާ ސްޕީޑްލިމިޓަށްވުރެ ބާރަށް ދުއްވި 13 އުޅަނދެއް ފާހަގަވެފައިވެ އެވެ. އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި އަށް މީހަކުވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކަ އެވެ.

comment ކޮމެންޓް