އަޅުގަނޑު ނޫން މީހަކަށް ރައީސް ސޯލިހު ތާއީދެއް ނުކުރާނެ: އަސްލަމް

މެންބަރު އަސްލަމް: އޭނާ ވިދާޅުވީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރައީސް ސޯލިހު ތާއީދު ކުރައްވާނީ އޭނާ އަށަ ކަމަށް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާނީ އޭނާއަށް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ނޮމިނޭޓް ކުރަން ރައީސް ސޯލިހު ތާއީދު ކުރައްވަނީ، ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފްއަށް ކަމަށް އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

"ސަން" އިން މިރޭ ކުރި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު ފަރާތަކީ އޭނާ ކަމަށާއި އެހެންކަމުން ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އެއްވެސް ބޭފުޅެއް ކައިރީގައި ރައީސް އެއް ވިދާޅެއް ނުވާނެ އެހެން. އަޅުގަނޑަށް ވަރަށް ހަމަ ޔަގީން އަޅުގަނޑު ނޫން އެހެން މީހަކަށް ރައީސް ތާއީދެއް ނުކުރާނެ ކަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވި އެވެ.

ވަކި ކޮޅަކަށް ބުރަ ނުވެ އިންސާފްވެރިކަމާ އެކު ވޯޓް ދެއްވާ ނަމަ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ވޯޓް ދެއްވާނީ އޭނާއަށް ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން ތާއީދު ހޯއްދެވުމުގެ ބޭނުމުގައި އެއްވެސް މެންބަރަކަށް ކަމެއް ނުކޮށްދެއްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނޯންނާނެ އެއްވެސް ކަހަލަ ފޮރުވިފައިވާ ކަމެއް. ހުރިހާ މެންބަރުންނަށް ވެސް ވަރަށް ރަނގަޅަށް އެނގިލައްވާނެ އަޅަގަނޑު،" ތާއީދު ހޯއްދެވުމަށް މަސައްކަތްތަކެއް ނުކުރައްވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމަށް އަފީފް އާއި އަސްލަމްގެ އިތުރަށް ދެން ޝައުގުވެރިވެފައި ވަނީ، ކާށީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ނަވާރަ ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މަޖިލީހުގެ މެމްބަރުކަން ކުރެއްވި، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

comment ކޮމެންޓް