އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއް ގުދަނަކަށް ވެއްޓިއްޖެ

އެމެރިކާގެ ހަނގުރާމަ މަތީ ބޯޓު އެ ތަނުގެ މައްޗަށް ވެއްޓުނު ގުދަން -- ފޮޓޯ: އޭޕީ

ވޮޝިންޓަން (މެއި 18): އެމެރިކާގެ ހަނގުރާމަމަތީ ޖެޓެއް ދަތުރުކުރަމުން ދަނިކޮށް އެގައުމުގެ ކެލިފޯނިއާގައި ހުންނަ ގުދަނަކަށް ވެއްޓިއްޖެ އެވެ.

އެމެރިކާގެ ހެލްތް އޮފިޝަލުން ވިދާޅުވި ގޮތުގައި އެހާދިސާގައި 13 މީހަކަށް އަނިޔާވި އެވެ. އަދި އޭގެ ތެރެއިން ތިން މީހަކަށް އަދިވެސް ފަރުވާ ދެމުންދާ އިރު އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބޯޓު ވެއްޓުމުގެ ކުރިން އޭގައި ހުރި ޕައިލެޓު ވަނީ ޕެރެޝޫޓު އަޅައިގެން ފުންމާލާފަ އެވެ. އަދި އޭނާއަށް އަނިޔާ ނުވާ ކަމަށާއި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.

އެފް-16 މަރުކާގެ އެބޯޓު ވެއްޓުނީ އަސްކަރީ މަރުކަޒެއް ކައިރިއަށެވެ. އަދި އެމަރުކަޒުގެ ފަޔާ ޑިޕާޓްމެންޓުގެ ވެރިޔާ ޓިމަތީ ހޮލިޑޭ ވިދާޅުވި ގޮތުގައި ބޯޓު ވެއްޓުނީ ޓްރެއިނިންއަކަށް ފަހު ބޯޓު ޖައްސަން އުޅެނިކޮށް، ކޮންޓްރޯލުން ނެއްޓިގެންނެވެ.

މީގެ އިތުރުން ހޮލިޑޭ ވިދާޅުވި ގޮތުގައި އެހާދިސާގައި ގުދަނަށް މާބޮޑު ގެއްލުމެއް ލިބި، އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވެ އެވެ. އަދި ވެއްޓުނު ބޯޓު ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް